ބޮލީވުޑް ފިލްމު 'ހޭޓް ސްޓޯރީ 4'ގެ ޓްރެއިލާ ރިލީޒް ކުރުމާ އެކު، ބަތަލާ އުރުވަޝީ ރައުޓޭލާ އަށް މަރުގެ އިންޒާރުތައް ލިބެން ފަށައިފި އެވެ.
އުރުވަށީ އަށް މަރުގެ އިންޒާރުތައް ލިބެން ފަށައިފައި ވަނީ އޭނާގެ އެ ފިލްމުގައި ކުޅެފައިވާ ރޯލުގެ ސަބަބުންނެވެ. މަރުގެ އިންޒާރުތަކާ އަދި ވެސް ރުޅުވެރިކަމުގެ މެސެޖުތައް ލިބެމުން އަންނާތީ އުރުވަޝީ އަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ނަމަވެސް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމެއް އަދި ނޭނގެ އެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. މިހާތަނަށް ފިލްމުގެ ދެ ލަވަ އެއް ވަނީ ރިލީޒް ކޮށްފަ އެވެ.
'ހޭޓް ސްޓޯރީ' ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ 2012 ވަނަ އަހަރު އެވެ. މިހާރު ރިލީޒް ކުރުމަށް ތައްޔާރުވެފައި ވަނީ އެ ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމެވެ.
ވިޝާލް ޕާންޑިޔާ ޑައިރެކްޓުކޮށްފައިވާ ފިލްމުގައި އުރުވަޝީގެ އިތުރުން މުހިންމު ރޯލުތަކުން ދެން ފެނިގެން ދާނީ، ކަރަން ވާހީ، ވިވާން ބަޓޭނާ، އިހާނާ ދިލޯން، އަދި ގުލްޝަން ގްރޯވަރު އެވެ.
ޓީ-ސީރީޒް އިން ޕްރޮޑިއުސް ކުރާ 'ހޭޓް ސްޓޯރީ 4' ރިލީޒް ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.