ބަނގުލަދޭޝްއާ ގުޅޭ ބޯޑަރު ކައިރިއަށް މިޔަންމާއިން ސިފައިން ޖަމާކުރާ މައްސަލަ ހޫނުވެއްޖެ

ރޮހިންގާ ރެފިއުޖީންތަކެއް ބަނގުލަދޭޝްއަށް އެތެރެވަނީ -- ފޮޓޯ/ އޭއެފްޕީ

ޑާކާ (02 މާޗް): ބަނގުލަދޭޝްއާ ގުޅޭ ބޯޑަރު ކައިރިއަށް މިޔަންމާއިން ގިނަ އަދަދެއްގެ ސިފައިން ޖަމާކުރާ މައްސަލަ ހޫނުވެއްޖެއެވެ.

އިއްޔެ ގިނަ އަދަދެއްގެ މިޔަންމާ ސިފައިން ބޯޑަރު ކައިރިއަށް ޖަމާކުރި މައްސަލައިގައި ބަނގުލަދޭޝްއިން ވަނީ އެ ގައުމަށް މިޔަންމާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ބަނގުލަދޭޝްއިން ވަނީ މިޔަންމާގެ ސިފައިން އެ ސަރަހައްދުން ބޭލުމަށް ގޮވައިލައިފައެވެ.

މިޔަންމާގެ ސިފައިން ޖަމާކުރި ބަނގުލަދޭޝްގެ ބޯޑަރު ސަރަހައްދު ކައިރީގައި ގިނަ އަދަދެއްގެ ރޮހިންގާ ރެފިއުޖީން ދިރިއުޅެއެވެ.

ބަނގުލަދޭޝްއިން ބުނީ ބޯޑަރު ސަރަހައްދަށް ސިފައިން ޖަމާކުރުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ސިފައިން ރުކުރުވާލުމަކީ ހަނގުރާމައަކަށް ދިއުން ކައިރި ކަމެއް ކަމަށްވެސް ބަނގުލަދޭޝްއިން ވަނީ ބުނެފައެވެ.

މިޔަންމާއިން ބުނީ ބޯޑަރު ސަރަހައްދަށް ސިފައިން ޖަމާކުރީ ޓެރެރިސްޓުންގެ ކިބައިން ގައުމު ދިފާއު ކުރުމަށް ކަމަށެވެ. މިޔަންމާގެ ސިފައިން ވަނީ ބޯޑަރު ސަރަހައްދުގައި ދިިރިއުޅޭ ރޮހިންގާ މުސްލިމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް ގޮވައިލައިފައެވެ.

މިދޔަ އަހަރު މިޔަންމާ ސިފައިން ފެށި އަސްކަރީ އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް 600،000 އަށް ވުރެ ގިނަ ރެފިއުޖީން ވަނީ ބަންގުލަދޭޝްއަށް އެތެރެވެފައެވެ.

މިޔަންމާ ސަރުކާރުން އެ އަސްކަރީ އޮޕަރޭޝަން ފެށީ ދާދިފަހުން ރޮހިންގާއިން އުފެއްދި "އަރަކާން ރޮހިންގާ ސެލްވާޝެން އާމީ (އަރުސާ)" އިން ދިން ހަމަލާތަކެއްގައި މިޔަންމާގެ 100 ސިފައިން މަރުވުމުންނެވެ.

މަސްދަރު: ބީބީސީ

comment ކޮމެންޓް