ގައުމީ އަންހެން ފުޓުބޯޅަ ޓީމު ސިންގަޕޫރަށް

ގައުމީ އަންހެން ފުޓުބޯޅަ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ސިންގަޕޫރަށް ދިޔުމަށް ރޭ ފުރައިފިއެވެ.

ގައުމީ ޓީމު ސިންގަޕޫރުގައި އެގައުމުގެ ގައުމީ ޓީމާއެކު އަންނަ ހޯމަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މެޗަކީ މިއަހަރު ނޭޕާލްގައި އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖަކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން ކުރިއަށްދާ މެޗެކެވެ.

ޓީމު ފުރުމުގެ ކުރިން 'ސަން ސްޕޯޓްސް' އަށް ވާހަކަ ދައްކަމުން ކޯޗު މުހައްމަދު އާތިފު (އާތީ) ބުނީ ދަތުރުގެ މައިގަނޑު ބޭނުމަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި ޓީމު އޮތް ހިސާބު ބަލާލުން ކަމަށެވެ.

"މިދަތުރަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާއިރު، ޓީމު އޮތީ ކިހާ ހިސާބެއްގަތޯ ބަލާލުމަށް ކުރާ ދަތުރެއް. ޓީމު އޮތް ލެވެލް މި ދަތުރުން ފާހަގަވެގެންދާނެ. ދެން ޓީމުން ރަނގަޅު ކުރަން ޖެހޭ ކަންކަންވެސް އެނގިގެންދާނެެ މި ލެވެލްގައި ކުޅެލުމުން،" އާތީ ބުންޏެވެ.

އާތީ ބުނީ މިފަހަރު ސިންގަޕޫރުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗުން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ކުރެވިގެންދާނެ ކަމަށެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ސިންގަޕޫރުގައި ކުޅޭ މެޗާ ގުޅިގެން ގައުމީ އަންހެން ޓީމުގެ ކެޕްޓަން، ފަދުވާ ޒާހިރު 'ސަން ސްޕޯޓްސް' އަށް ވާހަކަ ދައްކަމުން ބުނެފައިވަނީ މެޗަށް ތައްޔާރުވުމަށް ޓީމު އެއްކޮށް ފަރިތަކޮށްލަން މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓީމަށް ރަނގަޅު މެޗުތަކެއް ނުލިބި އޮތުމުން އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕާ އަޅާ ބަލާއިރު ޓީމު އޮތީ އޭރުގެ އޮތް ވަރަށް ތައްޔާރުވެފައި ނޫން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރު މުބާރާތުގައިވެސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށްވެސް ފަދުވާ ބުންޏެވެ.

ރާއްޖެއާއި ސިންގަޕޫރު ވާދަކުރާ މެޗު އަންނަ ހޯމަ ދުވަހު އޮންނާނީ އެގައުމުގެ ސިންގަޕޯ ސްޕޯޓްސް ހަބް ސްޓޭޑިއަމްގައެވެ. ރާއްޖޭގެ ފިރިހެން ޓީމުވެސް މި މަސް ތެރޭގައި އެ ސްޓޭޑިއަމްގައި އެކުވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށް ބެލެވެއެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސާފް އަންހެން ޗެމްޕިއަންޝިޕްގައި ރާއްޖެ އަންނަނީ ކޮންމެ ފަހަރުވެސް ބައިވެރިވަމުންނެވެ. 2010 އަކާއި 2012 އަދި 2014 ވަނަ އަހަރުގެ މުބާރާތުންވެސް ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިފައިވާއިރު އެންމެފަހުން 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެވަނީ ދަތުރުކޮށްފައެވެ.

comment ކޮމެންޓް