ހިތަށް ގެއްލުން ބޮޑު ކާނާ!

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ދިރާސާތައް ދައްކާ ގޮތުން، ހިތުގެ އެކި ބަލިތަކުގައި ކޮންމެ އަހަރަކު އެމެރިކާ އިން 610،000 އެއްހާ މީހުން މަރުވެ އެވެ. އެންމެ ގިނަ އަދަދެއްގެ މީހުން މަރު ވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.

އެހެންކަމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވެދާނެ ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. އަދި އެކަމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ރަނގަޅު ކާނާ ކެއުމެވެ. ދިވެހިންގެ ދުވަހުގެ ކެއުމުގައި ހިތަށް ގެއްލުން ލިބޭ ގިނަ އަދަދެއްގެ ކާނާ ހިމެނެ އެވެ. އޭގެތެރޭގައި :-

1. ޗިޕްސް: ޗިޕްސް އަކީ ކުޑަކުދިންގެ އިތުރުން ޒުވާނުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ޗިޕްސްގައި ކެލޮރީ ހުންނަ މިންވަރު ވަރަށް މައްޗެވެ. އެހެންކަމުން ހިތަށް ގެއްލުން ލިބޭ މިންވަރު މަތިވެ އެވެ. މަޝްހޫރު ހިތުގެ ޑޮކްޓަރެއް ކަމުގައިވާ، ޑރ. ކެވިން ކޭމްޕްބެލް ވިދާޅުވެފައި ވަނީ ޕޮޓޭޓޯ ޗިޕްސް އަކީ މީހާ އަވަހަށް މުސްކުޅި ކޮށްލާ ކާނާއެއް ކަމަށެވެ.

2. މެޓާ: މާ ގިނައިން ފޮނި އެއްޗެހި ކެއުމަކީ ހަށިގަނޑުގައި ހުންނަ "ރަނގަޅު" ކޮލެސްޓްރޯލްގެ މިންވަރު ދައްކޮށްލާ ކަމެކެވެ. އަދި ޓްރައިގްލިސެރައިޑްސްގެ މިންވަރު އިތުރުވެ އެވެ. އެއީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. ބައެއް ދިރާސާތައް ދައްކާގޮތުން، ފެޓް އަށް ވުރެ ބޮޑަށް ހިތުގެ ބަލިތަކަށް މަގުފަހިކުރަނީ ހަކުރެވެ. ހަށިގަނޑުގައި ހަކުރު އިތުރުވުމަކީ ލޭ މައްޗަށް ގޮސް މީހާ ހާސްކަމުގެ ތެރެއަށް ވައްޓާލާ ކަމެކެވެ.

3. ތެލުލި ކާނާ: ނޯތުވެސްޓާން ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް މެޑިސިންގެ ޗީފް އޮފް ކާޑިއޮލޮޖީ، ޑރ. ކްލައިޑް ޔޭންސީ ވިދާޅުވީ ތެލުލި ކާނާ ކެއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ހިތަށް ކުރާ އެއްވެސް ފައިދާއެއް ވެސް ނުވާ ކަމަށެވެ. ތެލުލި ކާނާގެ ސަބަބުން ހަށިގަނޑުގައި "ނުރަނގަޅު" ކޮލެސްޓްރޯލް އިތުރުވެ ހިތަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތަކަށް ގެއްލުން ލިބެ އެވެ. އަދި ނުރަނގަޅު ފެޓްގެ ސަބަބުން ހޯމޯން އުފެއްދުމަށް ތައިރޮއިޑް އަށް ހުރަސްތަކާ ކުރިމަތިވެ އެވެ.

3. ހުދު ހަނޑޫ: ބަތަކީ ދިވެހިންގެ ކެއުމުގައި ހިމެނޭ މައިގަނޑު އެއް ކާނާ އެވެ. ނަމަވެސް ހުދު ހަނޑުލަކީ ހިތަށް ގެއްލުން ލިބޭ ކާނާގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ބަތް ކާން ބޭނުން ނަމަ ބްރައުން ރައިސް އަށް ބަދަލުކޮށްލަން ޑޮކްޓަރުން އިރުޝާދު ދެ އެވެ. އެއީ ބްރައުން ރައިސްގައި ޕްރޮޓީން އަދި ފައިބާ ހުންނަ މިންވަރު މަތިވީމަ އެވެ. ހުދު ހަނޑުލުން ސިއްހީ މާގިނަ ފައިދާތަކެއް ނުކުރާ އިރު، ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހިވެ އެވެ.

4. ޗީޒް: ޗީޒް އަކީ ވަރަށް ގިނައިން ކެލޮރީ ހުންނަ ކާނާ އަކަށް ވުމުން މާ ގިނައިން ޗީޒް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޗީޒްގައި ހުންނަ ފެޓްގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާތީ އެވެ.

5. އައިސްކްރީމް: އައިސް-ކްރީމް އަކީ ކެލޮރީ އަދި ފެޓް ވަރަށް ގިނަ ކާނާ އެކެވެ. މާ ގިނައިން އައިސްކްރީމް ކެއުމަކީ ފަލަބަލި ޖެހުމަށް މެދުވެރިވާ ކަމެކެވެ. އަދި އެއާ އެކު ގިނަ އަދަދެއްގެ ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ.

6. މާޖިރިން: ހާވާޑް މެޑިކަލް ސްކޫލުން ބުނާގޮތުގައި މާޖިރިން އަކީ މާގިނަ ސިއްހީ ފައިދާތަކެއް ނުލިބޭ "ކެމިކަލް" އެކެވެ. ހިތުގެ ބަލިތަކުގެ އިތުރުން މާޖިރިން އަކީ ހަންގަނޑަށް ވެސް ގެއްލުން ހުރި ކާނާ އެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. މާޖިރިން އަދި ބަޓަރުގެ ބަދަލުގައި އޮލިވް އޮއިލް ނުވަތަ އެހެނިހެން ތަރުކާރީ ތެޔޮ ހިމެނޭ ސްޕްރެޑް ބޭނުން ކުރަން ޑޮކްޓަރުން އިރުޝާދުދެ އެވެ.

7. ކެޗަޕް: ކެޗަޕްގައި ވަރަށް މަތީ މިންވަރަކަށް ހަކުރު އެކުލެވެ އެވެ. އަދި ލޭގެ ޕްރެޝަރު މަތިކޮށް، ހިތުގެ ބަލިތަކަށް މަގުފަހިވެ އެވެ. އެހެންކަމުން ބާބަކިއުތަކުގައި ވެސް ކެޗަޕްގެ ބަދަލުގައި، ރޯ ޓޮމާޓޯ އާއި، މަސްޓަޑް، ލުނބޯ ހުތް، އިނގުރު އަދި ފެން ބޭނުންކޮށްގެން އަމިއްލައަށް ޓޮމާޓޯ ސޯސް އެއް ތައްޔާރު ކޮށްލުން ރަނގަޅު ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.

comment ކޮމެންޓް