ޖަޕާނުން ބުނީ ދިވެހި ދިދަ ނެގި ތެޔޮޓޭންކަރެއް ކަމަށް، ރާއްޖޭގެ ބޯޓެކޭ ނުބުނޭ!

ދިވެހި ދިދައާއި އުތުރު ކޮރެއާ ދިދަ ޖެހި ދެ އުޅަނދަކުން ކަނޑުމަތީގައި މުއާމަލާތްތަކެއް ހިންގަނިކޮށް ޖަޕާނުގެ ކަނޑުގެ ސިފައިން ނަގާފައިވާ ފޮޓޯ: -- މޯފާ

މިދުވަސްވަރަކީ ދިވެރާއްޖޭގެ ވާހަކަ ތަފާތު ގޮތްގޮތަށް، ރާއްޖެއާއި އަދި ބައިނަލްއަގްވާމީ މީޑިއާތަކުގައި ވެސް ފަތުރަމުންދާ ދުވަސްވަރެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަތިޔާރުއެޅި، ބޭރުގެ މަނަވަރުތައް ހަރަކާތްތެރިވާ ވާހަކައާއި، ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް، އެކިފަރާތްތަކުން ތަފާތު ކަންކަން ހިންގަމުންދާ ވާހަކައެވެ.

އިއްޔެ އިވިގެންދިޔައީ ރާއްޖޭގެ ތެޔޮޓޭންކަރަކާއި އުތުރު ކޮރެއާގެ ތެޔޮޓޭންކަރަކުން މަނާ މުއާމަލާތްތަކެއް ކުރިކަމުގެ ވާހަކައެވެ. ނަމަވެސް ހަގީގަތުގައި ކަންވެފައި އޮންނަނީ މުޅިން ތަފާތުކޮށެވެ.

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީ (މޯފާ)އިން ހާމަކުރުމާ އެކު މީޑިއާއާއި ސޯޝަލް މީޑިއާގައި މުޅިންހެން އޮތީ އެވާހަކަ އެވެ. ތަފާތު ގޮތްގޮތަށް އެވާހަކަ ފަތުރަމުން ދިޔަ އެވެ. ގިނަބަޔަކު އޭގެ ހަގީގަތާ ހަމައަށް ފީނުމުގެ ބަދަލުގައި ބެލީ އަވަހަށް އެ ޚަބަރު ލިބުނުގޮތަކަށް އާންމުކުރުމަށެވެ. ނަމަވެސް މިފަދަ ބޮޑެތި ޚަބަރުތައް ފަތުރާއިރު، ކަމުގެ ހަގީގަތް އޮޅުންފިލުވައި، ޚަބަރުތަކުގެ ސަބަބުން، މިގައުމުގެ އަމަނާ، ސަލާމަތާ، އިސްތިގުލާލަށް އޭގެ ނޭދެވޭ އަސަރުކުރާނީ ކިހާވަރަކަށްތޯ ބަލައިލުން ހަމަ ބުއްދިވެރި އެވެ.

އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުން ފެނުނު ރާއްޖޭގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޝިން ޔުއާން 18"-- ފޮޓޯ: ޖަޕާން ޑިފެންސް މިނިސްޓްރީ

ޖަޕާންގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި، ކަންބޮޑުވުން ހާމަކޮށް އާންމުކުރި އެ ޚަބަރުގައި ބުނެފައި ވަނީ، މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯ މީޓަރު ބޭރުން އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުން، ރާއްޖޭގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޝިން ޔުއާން 18" އާއި އުތުރު ކޮރެއާގެ ދިދަ ނާގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޗޮން މާން ސަން" ފެނުނު ކަމަށެވެ. އެ ޚަބަރުގައި އެއްވެސް މިންވަރަކަށް އެ ދެ ތެޔޮޓޭންކަރު ރަޖިސްޓްރީ ކޮށްފައި ވާނީ ކޮން ގައުމެއްގައި ކަން ހާމަކޮށްފައެއްނުވެ އެވެ. ހަމައެކަނި ފާހަގަ ކޮށްފައި ވަނީ ދިވެހިރާއްޖެ އާއި ނޯތު ކޮރެއާގެ ދިދަ ނަގާފައިވާ ވާހަކައެވެ.

މޯފާއިން ބުނެފައި ވަނީ، ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ކުރިކަން ނުވަތަ ނުކުރާކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. ބުނެފައި ވަނީ، ކަނޑުމަތީގައި އެފަދަ ގޮތަކަށް ކުރެވޭ މުއާމަލާތްތަކަކީ، ޔޫއެންއެސްސީއާރްގައި މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.

މި ޚަބަރު ރާއްޖޭގެ ބައެއް މީޑިއާތަކުން ގެނެސް ދިނުމާ އެކު ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ވަނީ އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގީ ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިން ޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ. އަދި ރާއްޖެއަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިރުމަތީ ޗައިނާ ކަނޑުގެ ސަރަހައްދުން ފެނުނު އުތުރު ކޮރެއާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޗޮން މާން ސަން"-- ފޮޓޯ: ޖަޕާން ޑިފެންސް މިނިސްޓްރީ

ދެން ސޯޝަލްމީޑިއާގައި ފެތުރިގެންދިޔަ އަނެއް ވާހަކައަކީ، "ޝިން ޔުއާން 18" އުޅަނދަކީ ދިވެހި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގައި މޯޖޭގްކޮށްފައިވާ އުޅަނދެއްކަމަށް ބުނެ ފެތުރި ވާހަކަތަކެވެ. މިއީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން ބޭންކަށް ގުޅާލުމުން، ޝިން ޔުއާން 18 އުޅަނދަކީ ބޭންކް އޮފް މޯލްޑިވްސްގައި މޯގޭޖްކޮށްފައިވާ އުޅަނދެއް ނޫންކަން، ބޭންކުގެ ސްޕޯކްސްޕަސަން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

މިއީ ގޮތްނޭނގޭ އުޅަދަކުން ރާއްޖޭގެ ދިދަބޭނުން ކުރުމުން ފެތުރިގެން ދިޔަ ވާހަކަތަކެވެ. އެހެނަސް މިއީ ކޮން ގައުމެއްގެ އުޅަނދެއްކަމެއް އަދިވެސް ނޭނގެ އެވެ. އަދި މިހާނަތަށް މި މުޢާމަލާތާ ގުޅޭ ގޮތުން އިތުރު ސައްހަ މައުލޫމާތުތަކެއް ޖަޕާނުގެ އިދާރާއަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންކަމުން މިކަން ހިނގައިދިޔަގޮތް އިތުރަށް ބަލައި ހޯދަން ޖެހެއެވެ. ދިވެހި ދިދަ މިއޮތީ ނަހަމަ ގޮތުގައި ބޭނުންކޮށްފަ އެވެ. ކަމުގެ ހަގީގަތް އޮޅުންފިލުވުމަށް ފަސްނުޖެހި މަސައްކަތްކުރާނޭކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުންނާއި ކަމާގުޅުންހުރި އެހެނިހެން ފަރާތްތަކުން ވެސް ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް