މިއަހަރުވެސް ކިންގްސް ބަލިކޮށް، ޓީރެކްސްއިން ގައުމީ މުބާރާތް ކާމިޔާބުކޮށްފި

މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ކިންގްސް ބީސީ ބަލިކޮށް، ޓީރެކްސްއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ޓީރެކްސްއިން ގައުމީ މުބާރާތުގެ ތަށި ދިފާއުކޮށްފައިވަނީ ކިންގްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މިއަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ކިންގްސްގެ މައްޗަށް ޓީރެކްސްއިން ކުރި ހޯދާފައިވަނީ 85-98 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިންގްސްއަށް 22 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކިންގްސްގެ ރިޝްފާން ރަޝީދާއި، ސްޓިންގާސް ބީސީގެ މުހައްމަދު ސަބީހު ތައުފީގާއި، ޓީރެކްސްގެ ހުސައިން ހަލީމާއި، އެޓީމުގެ އަހްމަދު ޒަބީރާއި، އެޓީމުގެ އަހްމަދު ހުޝާމެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކޫ) އެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި އދ. މަހިބަދޫ ޖިބިލީ ސްޕޯޓްސް ކްލަބު ބަލިކޮށް ސްޓިންގާސްއިން ވަނީ ތަށި ދިފާއުކޮށްފައެވެ.

comment ކޮމެންޓް