އެންއައިސީ އަށް ސުލައިމާން އައްޔަނުކުރަން ކޮމެޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ފާސްކޮށްފިއެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިއުލާން ކުރި އިރު އެ މަގާމަށް ވަނީ ހަތް ބޭފުޅަކު ކުރިމަތިލައްވައިފަ އެވެ. ނަމަވެސް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވީ އެންމެ ނަމެކެވެ.

އެންއައިސީއަށް އައްޔަން ކުރުމަށް ގާބިލު ބޭފުޅެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ ބޭފުޅުންނެވެ. ސުލައިމާނަކީ އެންއައިސީ އަށް އައްޔަން ކުރުމަށް ގާބިލް ބޭފުޅެއްތޯ ބެލުމަށް ނެގި ވޯޓުގައި ކޮމިޓީގެ މެމްބަރުން ދީފައިވަނީ 75.89 ޕަސެންޓް މާކުހެވެ.

ސުލައިމާނަށް އެ ވަރަށް މާކްސް ލިބިވަޑައިގަތީ އޭނާގެ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ގާބިލުކަމާއި ހުނަރަށް ބެލުމަށް ފަހު ކޮމެޓީގެ މެމްބަރުން މާކްސް ދެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ސުލައިމާން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަނަކީ ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސް އަދި ކަސްޓަމްސް އޮފިސަރުން ކުރާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް