ނޭވީ ތަމްރީނުތަކެއްގައި ބައިވެރިވާން ރާއްޖެއަށް ދިން ދައުވަތު ގަބޫލެއް ނުކުރި: އިންޑިއާ

ރާއްޖެއާއި އިންޑިއާ ގުޅިގެން ބޭއްވި "އެކްސަސައިޒް އެކުވެރިން"ގެ އަސްކަރީ ތަމްރީންތައް ލ. ކައްދޫގައި ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ/ އެމްއެންޑީއެފް

ނިއު ދެއްލީ: އަންނަ މަހުގެ ކުރީކޮޅު ބާއްވަން ހަމަޖެހިފައި އޮތް ކަނޑުމަތީ ސިފައިންގެ ތަމްރީންތަކެއްގައި ބައިވެރިވާން އިންޑިއާ އަސްކަރިއްޔާއިން ރާއްޖެއަށް ދިން ދައުވަތު ގަބޫލު ކޮށްފައިނުވާ ކަމަށް އިންޑިއާގެ ނޭވީ ޝީފް އެޑްމިރަލް ސުނިލް ލަންބާ ވިދާޅުވެއްޖެ އެވެ.

ތަމްރީންތަކާ ގުޅޭގޮތުން ބޭއްވި ހަފްލާއެއްގެ ބޭރުން ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ލަންބާ ވިދާޅުވީ، "މިލާން"ގެ ނަމުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އެ އަސްކަރީ ތަމްރީންގައި ބައިވެރިވާން ދިން ދައުވަތު ރާއްޖެއިން ގަބޫލުނުކުރި ސަބަބެއް ބުނެފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަސްދަރުތަކާ ހަވާލީ ޓައިމްސް އޮފް އިންޑިއާއިން ބުނީ، އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ތަމްރީންތަކުގައި ބައިވެރިވާން މިހާތަނަށް 16 ގައުމަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި އޮންނަ އަންދަމަން އެންޑް ނިކޮބާ އައިލެންޑްސް ކައިރީގައި ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވާ ކަނޑުގެ ސިފައިންގެ އެ އަސްކަރީ ތަމްރީން ތަކަކީ އިންޑޯޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރު ގަދަވަމުންދާތީ ކުރިއަށް ގެންދާ ތަމްރީންތަކެކެވެ.

އަދި އެ މައްސަލައާ ގުޅޭގޮތުން އެ އަސްކަރީ ތަމްރީންތަކުގައި ބައިވެރިވާ ގައުމުތަކުގެ ނޭވީ ޗީފުންނާއެކު ދިގު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ އަސްކަރީ ބާރު ގަދަވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު އިންޑިއާގެ އިތުރުން ދުނިޔޭގެ ބާރެއް ކަމަށްވާ އެމެރިކާއިން ވެސް އަންނަނީ މައްސަލަ ބޮޑުވެފައިވާ ދެކުނު ޗައިނާ ކަނޑުގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް ގޮވާލަަމުންނެވެ.

comment ކޮމެންޓް