ލޯއޭޝިއާގެ ވަފުދު ރާއްޖެއައީ ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދައި: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަންވަރު -- ފޮޓޯ: ސަން

ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންނާއި ބައްދަލުކޮށް، އެ ބޭފުޅުންގެ ހުރި ދަތިތައް ދެނެގަތުމަށް ރާއްޖެ ޒިޔާރަތްކުރި ލޯއޭޝިއާގެ ވަފުދު ރާއްޖެ އައިސްފައިވަނީ ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އެގޮތަށް ބުނެފައި މިވަނީ، ރޭގެ ވަތުތެއްގައި ރާއްޖެއައި ލޯއޭޝިއާގެ އެންމެ އިސްވެރިން ވެސް ހިމެނޭ އަށް މެމްބަރުންގެ ވަފުދެއް ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލާފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރުމުންނެވެ.

އެކަމާ ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުން ފިޔަވާ އެހެނިހެން ކަންކަމަށް ރާއްޖެއަށް ޒިޔާރަތްކުރާނަމަ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ، އެކަމަކާ ގުޅޭ ގޮތުން ހޯދަންޖެހޭ ވިސާގެ ކަންކަން ދުރާލާ ހަމަޖައްސާފައިވާނަމަ ކަމަށެވެ.

އަދި އެކިއެކި ވިސާތަކަށް އެދި ހުށަހެޅުމުން އެ ވިސާއެއް ހަމަޖެހިއްޖެކަން ނުވަތަ ނޫންކަން އަންގަމުންދާނެ ކަމަށާއި ވަކި އެއްޗެއް ނާންގައިވުމުން، އެއީ ހުއްދަ ލިބުން ކަމުގައި ބަލައިގެން ނުވާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން މިފަހުން ރާއްޖެ ޒިޔާރަތްކުރި ލޯއޭޝިއާގެ ވަފުދު ރާއްޖެ އައިސްފައިވަނީ ހޯދަންޖެހޭ އެއްވެސް ހުއްދައެއް ނުހޯދައި ޓުއަރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށް ކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، އެ ވަފުދާ ސުވާލު ކުރުމުން އެމީހުން އެކަމަށް އިއުތިރާފްވެ، އެމީހުން އައީ ޓުއަރިސްޓުންގެ ގޮތުގައި އެތެރެވެ، މަސައްކަތްތަކެއް ކުރަން ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"މަސައްކަތް ކުރުމަށް ޓުއަރިސްޓް ވިސާގައި އެތެރެވުމުގެ ހުއްދަ ނުދެވޭނެކަން އެ ފަރާތްތަކަށް އެންގުމާ ގުޅިގެން މިހާރު އެ ވަފުދުގައި ހިމެނޭ އެއްމެން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ،" އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޗުއްޓީ ހޭދަކުރުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް ބިދޭސީއަކު ގެންނަނަމަ އެކަމަކަށް ޚާއްސަކޮށްފައިވާ ވިސާއަށް ހުށަހަޅައި ވިސާގެ ކަންކަން ހަމަޖެހުމުން މެނުވީ އެއްވެސް ބިދޭސީއަކު ރާއްޖެ ނުގެނައުމަށް ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ލޯއޭޝިއާ އަކީ، އޭޝިއާ ސަރަހައްދުގެ ގާނޫނީ ވަކީލުންގެ ޖަމިއްޔާތަކުގެ އެންމެ އިސް ފަރާތެވެ.

އެ ޖަމްއިއްޔާގެ ފަރާތުން ރާއްޖެއަށް ވަފުދެއް ފޮނުވާފައި މިވަނީ، ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރަން ގޮވާލައި ސުޕްރީމް ކޯޓަށް 56 ވަކީލަކު ސޮއި ކުރައްވައި ހުށަހެޅުއްވި ޕެޓިޝަނާ ގުޅިގެން، އެ ވަކީލުންތައް ސަސްޕެންޑް ކުރި މައްސަލަ އެ ޖަމްއިއްޔާގެ ސަމާލުކަމަށް ގެނައުމުންނެވެ.

ރާއްޖެއައި ލޯއޭޝިއާގެ ވަފުދުގައި އެ ޖަމްއިއްޔާގެ ރައީސް ކްރިސްޓޮފާ ލިއޮން އާއި ކުރީގެ ރައީސް ޕްރަޝާންތު ކުމާރާއި ލޯ އޭޝިއާގެ ކަންޓްރީ ކައުންސެލަރު އަދި ސިންގަޕޫރުގެ ބާ އެސޯސިއޭޝަންގެ ރައީސް ގްރެޖޯރީ ވިޖެޔަންދުރަން ދަ ލޯ ސޮސައިޓީ އޮފް ނިއު ސައުތު ވޭލްސް ރައީސް ޑައުގް ހަމްފްރޭސް ހިމެނިވަޑައިގެންނެވި އެވެ.

އެނގިފައިވާ ގޮތުގައި، އެބޭފުޅުން ރާއްޖެއައީ ދިވެހި ވަކީލުންނާއެކު އެޕޮއިންޓްމަންޓު ވެސް ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް