ބޮލީވުޑްގެ ލެޖެންޑްރީ ތަރި ސްރީދޭވީ މަރުވީ ގެނބިގެންކަމަށް ފޮރިންސިކް ރިޕޯޓު ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ ސްރީދޭވީ މަރުވި ހަބަރު ރިޕޯޓުކުރި އިރު ބުނެފައިވަނީ އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ.
ފަންސާސް ހަރަތު އަހަރުގައި ސްރީދޭވީ މަރުވި އިރު އޭނާ ވަނީ ބައި ގަރުނު ފިލްމީ ދާއިރާގައި ހޭދަކޮށް 300 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ.
ސްރީދޭވީގެ މަރާއެކު ބޮލީވުޑްގެ ތަރިންނާއި އިންޑިއާގެ އިސްފަރާތްތަކުން އަދި އާންމުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
ސްރީދޭވީ މަރުވެފައި އޮއްވާ ފެނުނީ ދުބާއީގައި އޭނާ ހުރުި ހޮޓެލުގެ ކޮޓަރީގެ ފާޚާނާ ތެރެއިންނެވެ. އޭނާގެ މަރުގެ ރިޕޯޓު ތައްޔާރުކުރީ ދުބާއީގެ ފުލުހުންނެވެ. އެ ރިޕޯޓު ބުނާގޮތުން ސްރީދޭވީ މަރުވީ ގެނބިގެން ކަމަށާއި، އޭނާ ބާތްޓަބު ތެރޭ އޮއްވާ ހޭނެތިގެން ގެނބުނީ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާގެ ހަށިގަނޑުން ބަނދުރަލުގެ އަސަރު ފެނުނު ކަމަށާއި އިތުރު އެއްޗެއް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ދުބާއީ ފުލުހުން ބުނެއެވެ. ސްރީދޭވީގެ ޕޯސްޓްމޯޓަމްގެ ފައިނަލް ރިޕޯޓު އަދި ތައްޔާރެއް ނުވެއެވެ.
ހަބަރުތައް ބުނާގޮތުން ސްރީދޭވީގެ މަރު މިހާރު ތަހުގީގު ކުރަނީ ދުބާއީގެ ޕަބްލިކް ޕްރޮސެކިއުޝަން އިންނެވެ. އޭނާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އޭނާ އަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ. ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.
ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، 'ޗާލްބާޒް'، "'ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނޭ އިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "މޮމް" އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.
#FLASH Forensic report says, #Sridevi died from accidental drowning (Source: UAE's Gulf News) pic.twitter.com/eWXdw1p1ZL
— ANI (@ANI) February 26, 2018