ވިލާތުން ގޮވާލީ އޯލް ޕާޓީ ޓޯކްސްއަށް، ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން

ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ކަނޑައާޅަފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން -- ސަން ފައިލް ފޮޓޯ

ވިލާތުން ރާއްޖެއަށް ފިޔަވަޅެއް އަޅަން ނޫޅޭ ކަމަށާއި، އެ ވިލާތުގެ އިއްތިދާހުގެ ކައުންސިލުން ގޮވާލީ ރާއްޖޭގެ ސިޔާސީ ފަރާތްތައް މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް ކަމަށް ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

މިއަދު އީޔޫ ކައުންސިލުން ބައްދަލުވުމެއް ބޭއްވުމަށްފަހު، ރާއްޖެއާ ބެހޭގޮތުން ވަނީ ބަޔާނެއް ނެރެފައެވެ. ރާއްޖޭގެ ސަފީރު ޝިއާން "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ ރާއްޖެއާ ބެހެގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ.

"މިއަދުގެ ބައްދަލުވުމަކީ އީޔޫ ކައުންސިލުގެ ފުރަތަމަ ކުއާޓަރުގެ ޖަލްސާ. އޭގެ އެޖެންޑާގައިވެސް ރާއްޖެއެއް ނެތް. އަދި އެ ޖަލްސާއަށް ފަހު ކައުންސިލުން ނެރުނު ސްޓޭޓްމަންޓަކީ މާ ކުރީއްސުރެ ނެރުމަށް ނިންމާފައި އޮތް ސްޓޭޓްމެންޓެއް،" ޝިއާން ވިދާޅުވިއެވެ.

ޝިއާން ވިދާޅުވީ، އީޔޫ ކައުންސިލުގެ ބަޔާނުގައި މުޅިންވެސް ހިމަނާފައިވަނީ އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަންކަން ކަމަށާއި، އެ ބަޔާނުން އެންމެ މުހިންމީ އެންމެ ފަހު ނުކުތާ ކަމަށެވެ.

އެ ނުކުތާގައި އީޔޫ ކައުންސިލުން ވަނީ، މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި، އިދިކޮޅު ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާތައް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އަވަހަށް އުވާލާނެކަމަށް އުންމީދުކުރާ ކަމަށްވެސް އީޔޫ ކައުންސިލުގެ ބަޔާނުގައި ވެއެވެ.

"އެންމެ ފަހަތުގައި އިން ޖުމްލައިގައި ބުނަނީ ސިޔާސީ ފަރާތްތައް އެއް މޭޒު ދޮށަށް އައިސް ވާހަކަ ދައްކާށޭ. މިކަމަށް ގޮވާލާފައި ވަނީ،" ޝިއާން ވިދާޅުވިއެވެ.

"މި ދެ ކަމަކީވެސް ސަރުކާރުން އެއްބަސްވާ ކަންކަން. އޯލް ޕާޓީ ޓޯކްސްއަށް އައުމަށް ސަރުކާރުން ވަނީ ގޮވާލާފައި. އަދި ސްޓޭޓް އޮފް އެމަޖެންސީވެސް ތަން ދިންހާ އަވަހަށް ނަގާނެކަމަށް ސަރުކާރުން ބުނެފައިވޭ،"

ޝިއާން ވިދާޅުވީ އެ ސްޓޭޓްމެންޓުގައި ރާއްޖެއާ މެދު "ޓާގެޓެޑް މެޝާޒް" އަޅާނެކަމަށް އީޔޫ ކައުންސިލުން ބުނެފައިވާ ވުމަކީ، ރާއްޖެއާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާ ވާހަކަތަކެއް ނޫން ކަމަށެވެ. ޝިއާން ވިދާޅުވީ އީޔޫ ކައުންސިލުން ބުނެފައި އެވަނީ ރާއްޖެއާ ގުޅިގެން ކުރާ ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އުނދަގޫވެދާނެ ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންނާ ގުޅިގެން ކުރާ ކަންކަން ކުރިޔަށް ގެންދަން އުނދަގޫވާނެއޭ އެ ވިދާޅުވަނީ. އެމީހުންގެ އެހީތެރިކަން އެބަ ލިބޭ މިސާލަކަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް. މިފަދަ ކަންކަން ކުރިޔަށް ގެންދިއުން މަޑުޖައްސާލަން ޖެހިދާނެކަމަށް ކައުންސިލުން އެ ވިދާޅުވަނީ،" ޝިއާން ވިދާޅުވިއެވެ.

"އެއްވެސް ހާލަތެއްގައި ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅައި ހަދާ ވާހަކައެއް ނޫން އެއީ. އެ ބަޔާނުގައި 'ސެންކްޝަން' [ދަތިކުރުމުގެ ފިޔަވަޅު] އެ ބަސް ބޭނުންކޮށްފައިވެސް ނެތީ އެހެންވެެ،" ޝިއާން ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުގެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އެ ކައުންސިލުން ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ.

comment ކޮމެންޓް