5ޖީ ނެޓްވޯކްގައި އުރީދޫއަށް ކުރިއެރުންތަކެއް

މޮބައިލް ވޯލްޑް ކޮންގްރެސްގައި ހުރި އުރީދޫގެ ސްޓޭންޑް ---

މޮބައިލް ފޯނުގެ ދުނިޔޭގައި 5ޖީ ޓެކްނޮލޮޖީ ޑިވެލޮޕްކުރުމުގައި އުރީދޫއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އެ ކުންފުނިން ވަނީ 5ޖީ ޓެކްނޮލޮޖީގައި ހޯދިފައިވާ ކުރިއެރުންތައް ހިއްސާކޮށްފައެވެ.

އަލްޓްރާ ފާސްޓް 5ޖީ ނެޓްވޯކް މިހާރު ގަތަރުގައި ދަނީ ބޭނުންކުރަމުންނެވެ. މި ޓެކްނޮލޮޖީ އާއެކު 4ޖީ އިންޓަނެޓްގެ ސްޕީޑް ދެ ގުނަ ހަލުވި ވާނެއެވެ. މީގެ އިތުރުން 5ޖީ ޓެކްނޮލޮޖީ އާއެކު އާންމު ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އެގޮތުން 5ޖީ ޓެކްނޮލޮޖީއާއެކު ރޮބޮޓިކްސް ސާޖަރީ، ވާޗުއަލް ރިއަލިޓީ ސްޕޯޓްސް އަދިި އޮޓޯނޮމަސް ވެހިކަލްތަކުގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ފަށާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮގްރާމު މިހާރު ގަތަރުގައި ފަށާފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މެދު އިރުމަތީގެ އެހެން ގައުމުތަކާއި އުތުރު އެފްރިކާ އަދި އިރު ދެކުނު އޭޝިއާއަށް 5ޖީ ޓެކްނޮލޮޖީ ފުޅާކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ވަލީދް އަލް ސައްޔިދުއާ ހަވަލާދީ، އުރީދޫއިން ބުނީ އުރީދޫއިން މަސައްކަތް ކުރަނީ 5ޖީ ނެޓްވޯކް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ވުމަށް ކަމަށެވެ.

މި ޓެކްނޮލޮޖީއާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޮޑެތި ސިޓީތައް ޑިޖިޓަލީ ޓްރާންސްފޯމުވެގެން ދާނެ ކަމަށާއި އެންމެ ބޮޑު އަމާޒަކީ މީހުުންގެ ޑިޖިޓަލް ދިރިއުޅުން މިހާރަށްވުރެ، ތަރައްގީކުރުން ކަމަށް ވެސް ސައްޔިދު ވިދާޅުވިއެވެ.

މީގެ އިތުރުން 5ޖީ ކޮމާޝަލް ސާވިސް އެކްސްޕީރިއަންސް ކުރިއަށް އޮތްތަނުގައި ގަތަރުގެ ސްމާޓް ސްޓޭޑިއަމްތަކާއި ސްމާޓް ސިޓީތަކަށް އަންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މިއީ އުރީދޫ ގުރޫޕަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ. އެކުންފުނިން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް 3ޖީގެ ހިދުމަތް ދޭން ފަށައިފައެވެ. މީގެ އިތުރުން މިޔަންމާއަށް 4ޖީ ޕްލަސްގެ ހިދުމަތް ފުޅާކޮށްފައެވެ.

ހުސްވި އަހަރުގެ ނިޔަލަށް އުރީދޫއިން ވަނީ 164 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދީފައެވެ. އެކުންފުންޏަށް މިދިޔަ އަހަރު ވަނީ 8.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

comment ކޮމެންޓް