ރޭގަނޑު 10:30 ގެ ފަހުން މުޒާހަރާ ނުކުރެވޭނެ ކަމަށް ފުލުހުން އަންގައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން --- ސަން ފޮޓޯ

މިރެއިން ފެށިގެން ރޭގަނޑު 10:30 އަށް ފަހު މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ސިޔާސީ އެއްވެސް ބަޔަކަށް ނުދެވޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މިހާރަކަށް އައިސް ކޮންމެ ރެއަކުވެސް ވަކި ވަގުތެއްގައި ވަކި ސަރަހައްދުތަކަށް އެއްވެ ބައެއް މީހުން އަމަން އަމާންކަން ގެއްލޭ ފަދަ ގޮތްގޮތައް އަމަލު ކުރަމުންދާ ކަމަށާއި އެކަމުގެ ޝަކުވާތައް އެ އިދާރާއަށް ކެނޑިނޭޅި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

"ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ޝަކުވާތައް ދަނީ ހުށަހެޅެމުން. މާލޭގެ މަގުތަކަށް ނުކުމެ މަގުތަކުގައި ދުވެ. ސައިކަލު ތަކުގައި ދުއްވާ މަގުތައް ހަލަބޮލިކޮށް ހަދާކަން ވަނީ ފާހަގަ ކުރެވިފައި،" ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ އެއްވުންތަކުގައި ނުރައްކާތެރި އެތައް ކަމެއް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް މާސްކު ފަދަ ތަކެތި އެއްވުން ތަކުގެ ބައިވެރިން ބޭނުން ކުރަމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"ސަލާމަތީ ބާރުތަކަށް ފާޅުގައި ހަމަލަދީ ނުވަތަ ހަމަލާދިނުމަށް ހިތްވަރު ދިނުމަށް ބައެއް ފަރާތްތަކުން މިފަދަ އެއްވުން ތަކުގައި ދަނީ މަސައްކަތް ކުރަމުން." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެފަދަ އެއްވުންތަކާއި ޣައިރު ގާނޫނީ ކަންކަމުގެ ސަބަބުން ރާއްޖޭގެ ދާޚިލީ އަމަން އަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"ރޭގަނޑު 10:30 އަށް ފަހު މަގުމަތީގައާއި ޖަގަހަ ތަކުގައި ހިންގާ ތަފާތު ހަރަކާތްތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން އަރުވަން. އަދި ހާއްސަކޮށް މިކަންކަން ހަމަހަމަ ކަމާއިއެކު ސިޔާސީ އެއްވެސް ފަރާތެއް އިސްތިސްނާއެއް ނުވާނެހެން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިފަދަ އެއްވުންތަކުގައި އާންމުންނަށާއި މުދަލަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާ ކަމަށާއި އެހެން ކަމުން މިކަން ހުއްޓުވުމަށް ފުލުހުން އެޅި ފިޔަވަޅަށް ހުރިހާ ރައްޔިތުންވެސް ތަބާވެ ފުލުހުން އަންގާ އެންގުމާއި އެއްގޮތައް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެއްވެސް ފިކުރެއް އިސްތިސްނާ ވުމެއް ނެތި ރޭގަނޑު 10:30 ގެ ފަހުން އެއްވެސް އެއްވުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވާއިރު ސަރުކާރު ހިންގާ ޕީޕީއެމް އިން މީގެ ކުރިން ބުނެފައިވަނީ މިއަދަށް ފަހު ރޭގަނޑު 10:30 ގެ ފަހުން އެއްވެސް ސިޔާސީ ހަރަކާތެއް އެޕާޓީން ކުރިއަށް ނުގެންދާނެ ކަމަށެވެ.

comment ކޮމެންޓް