އިންޑިއާއަށް ވަޑައިގެންނެވި ކެނެޑާގެ ބޮޑުވަޒީރާ މޯދީ ބައްދަލު ކުރެއްވީ ހަ ދުވަސް ފަހުން

އިންޑިއާގެ ބޮޑުވަޒީރު މޯދީ ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯއާ ބައްދަލު ކުރައްވަނީ -- ފޮޓޯ: އޭޕީ

ދިއްލީ (ފެބްރުއަރީ 24): އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައިފި އެވެ.

ނަމަވެސް މީގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ ލީޑަރުންނަށް އިންޑިއާގެ އެއާޕޯޓުން މަރުހަބާ ވިދާޅުވެފައިވާ މޯދީ، ޓްރޫޑޯއާ ބައްދަލު ކުރެއްވީ އޭނާ އެގައުމަށް ވަޑައިގެންނެވިތާ ހަ ދުވަސް ފަހުންނެވެ. އަދި ޓްރޫޑޯއަށް ފުރަތަމަ މަރުހަބާ ވިދާޅުވީ ވެސް އޭނާގެ ދަތުރުފުޅު ފެއްޓެވިތާ ފަސް ދުވަސް ފަހުން ޓުވިޓާ މެދުވެރިކޮށެވެ.

އޭގެ ސަބަބުން ބައެއް މީޑިއާތަކުން ވަނީ އިންޑިއާ އިން ޓްރޫޑޯއަށް ކިޔާފައި ވަނީ ވަރަށް ފިނި މަރުހަބާއެއް ކަމަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ކެނެޑާއިން ހައްދުފަހަނައަޅާފައިވާ ސިކުންގެ އަމަލުތައް ކުށްވެރި ނުކުރުން ހިމެނޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް ކެނެޑާ އާއި އިންޑިއާ އިން ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ. އަދި ދެ ގައުމުގެ ލީޑަރުންގެ ބައްދަލުވުމުގައި ވިޔަފާރި އާއި ސަލާމަތީ ކަންތައްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ބުނެފަ އެވެ.

ޓްރޫޑޯ އިންޑިއާއަށް ކުރައްވަމުން ގެންދަވާ އަށް ދުވަހުގެ ދަތުރުފުޅުގައި ފާޑު ކިޔުންތައް އަމާޒުވި ކަންތައްތަކުގެ ތެރޭގައި އެ ގައުމުގެ ސަގާފީ ހެދުންތައް ތުރުކުރެއްވުން ހިމެނެ އެވެ. އޭގެ ސަބަބުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޓްރޫޑޯ އަށް ތައުރީފު ކުރި ނަމަވެސް އެހެން ފަރާތްތަކުން ވަނީ މަލާމާތްކޮށްފަ އެވެ.

އަދި ދިއްލީގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުން ބޭއްވި ފަރިއްކޮޅަކަށް އިންޑިއާގެ މިނިސްޓަރަކު އަވަހާރަކޮށްލަން މަސައްކަތް ކުރި ވިޔަފާރިވެރިއަކަށް ދައުވަތު އެރުވުމުން ވެސް، ޓްރޫޑޯއަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. ކެނެޑާގެ ހައި ކޮމިޝަނުން ވަނީ ފަހުން އެދައުވަތު އަނބުރާ ގެންގޮސްފަ އެވެ. (ބީބީސީ)

comment ކޮމެންޓް