ޑީން ވިދާޅުވަނީ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުންގެ ބަސް އަޑުއެހުން ކަމަށް

ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ އަދި ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބުރާސްފަތި ދުވަހުގެ ރޭ ކޯޕަރޭޓް މޯލްޑިވްސްއިން ބޭއްވި "ގޯލްޑް 100 ގަލާ"ގައި ދިން އެންމެ ޝަރަފުވެރި އެވޯޑަކީ ކޯޕަރޭޓް މޯލްޑިވްސް ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. އެ އެވޯޑު ރޭ ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީނެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް ޑީންއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށި ދުވަސްވަރުން ފެށިގެން، އެދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާކިޔުމުގައި، ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުން މަސައްކަތް ފެއްޓެވި ޑީން ވަނީ، ރިސޯޓު އޮޕަރޭޝަންސްގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވައިފަ އެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ އަދި ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހުޅުވި ދެވަނަ ރިސޯޓު، ބަނޑޮސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަމަށް ސަރުކާރުން އައްޔަނުކުރީ ޑީން އެވެ. އެ ރިސޯޓަށް އެތަކެއް އިންވެސްޓްމެންޓްތަކެއް ކުރެއްވުމަށް ފަހު، ޑީން ފަހުން ވަނީ ބަނޑޮސް އަމިއްލަފުޅަށް ބައްލަވައިގެން، އެތަނަށް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވައިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް ގޯލްޑް 100 ގާލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ގަބޫލުފުޅުކުރައްވައި ވާހަކަދައްކަވަމުން، ކުރީގެ ނައިބު ރައީސް ވަހީދުއްދީން ވިދާޅުވީ، އެ ޝަރަފުގެ ފަހަތުގައި ތިބީ އެމަނިކުފާނުގެ ދަށުން މަސައްކަތް ކުރި، އަދި ކުރަމުން ގެންދާ މުވައްޒަފުން ކަަމަށެވެ.

ޑީން ވިދާޅުވީ، މުވައްޒަފުންގެ އަގު އަބަދު ވެސް ވަޒަންކުރައްވާ ކަމަށެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތް މުހައްމަދު ވަހީދުއްދީން (ކ) އަދި އަހްމަދު ނަޒީރު (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މުވައްޒަފުންގެ އިޚްލާސްތެރިކަމާ ތެދުވެރިކަމާ އެކު އަޅުގަނޑަށް މިހިސާބަށް އާދެވުނީ. ޝައްކެއް ނެތް ގޮތުގައި ފެށުނީއްސުރެ ވެސް އަޅުގަނޑު ވަޒަން ކުރަން އަޅުގަނޑު ކައިރީގައި މަސައްކަތް ކުރައްވާ، އެންމެ އާދައިގެ ވަޒީފާއިން ފެށިގެން އެންމެ މަތީ މަގާމުތަކުގައި މަސައްކަތް ކުރާ ފަރާތްތައް،"

އެމަނިކުފާނު ވަނީ ވިޔަފާރިތަކުގެ އިސްވެރިންނަށް ޚާއްސަ ނަސޭހަތެއް ވެސް ރޭގެ ޖަލްސާގައި ދެއްވައިފަ އެވެ.

"ތިޔަ ހުރިހާ ސީއީއޯއިން ވެސް މުވައްޒަފުން އެދޭ ގޮތް ނުވަތަ ބޭނުން ވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާ،" ޑީން ވިދާޅުވި އެވެ.

ޑީން ވިދާޅުވީ، އެންމެ އާދައިގެ ވަޒީފާ އަދާކުރާ މަސައްކަތު މީހުންވެސް ވެރިޔާ ގާތު ހައްގުބަސް ބުނެފާނެ ކަމަށާއ، އެކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް ހީ ނުކުރައްވާތި މި މަގާމުގައި ހުރީމަ، ނުވަތަ ތިމާއަށް ތަނަވަސްކަން މާތްﷲ ދެއްވާފައި އޮތުމުން ތިމާއަށް ވުރެ ބޮޑަށް އެއްޗެހި އެނގޭނެ ދެވަނަ ފަރާތެއް ނުވާނެއޭ. ހުރިހާ ސީއީއޯއިން ވެސް އެންމެ އާދައިގެ މީހާގެ އަޑު ވެސް އައްސަވާ، ގަބޫލުފުޅުކުރައްވާ. އޭނާއަށް ވިސްނޭ އެއްޗެއް ތިމާއަށް ނުވިސްނި އޮތުމަކީ އެކަށީގެންވާ ކަމެއް،" ކުރީގެ ނައިބު ރައީސް ޑީން ވިދާޅުވި އެވެ.

ބަނޑޮސް މޯލްޑިވްސް ރިސޯޓުގެ ވެރިޔާ އަދި ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަބީލް ވަހީދުއްދީނަކީ މީހުން ބިނާކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ހިއުމަން ރިސޯސް ބިނާކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް، ރިސޯޓު ދާއިރާއާއި އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންނަށް ހިންގަވަ އެވެ.

މީގެ ކުރިން ރާއްޖޭގެ އެޓޯލްސް ޑިވެލޮޕްމެންޓް މިނިސްޓަރުކަން ވެސް ކުރެއްވި ޑީން ވަނީ، ރަށު ފެންވަރުގައި ބާރުވެރި ރައްޔިތުންތަކެއް ބިނާކުރުމަށް "އިންސްޓިޓިއުޓް އޮފް ގަވަނަންސް އެންޑް ޑިވެލޮޕްމެންޓް"ގެ ނަމުގައި އެޑިއުކޭޝަން އިންސްޓިޓިއުޓެއް ވެސް ހިންގަވައިފަ އެވެ.

comment ކޮމެންޓް