ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް އދއިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް މިވަގުތަށް ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވިކަމަށް އދއިން ބުނެފިއެވެ.
ސަރުކާރާއެކު މަޝްވަރާ ކުރާނަމަ މެދުވެރިއެއްގެ ގޮތުގައި އދ ހަމަޖެއްސުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ޝަރުތުކޮށްފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް، އިއްޔެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އދއިން ހުށަހެޅި ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން. ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖޭގެ ރައީސަށް ގުޅުއްވައި، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅާފައި. ނަމަވެސް ރައީސް ވިދާޅުވީ މި ވަގުތަށް އެކަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް،" ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސެކްރެޓަރީ ޖެނެރަލް ގުޓެރޭޒާއި ރައީސް ޔާމީނާ ދެމެދު ފޯނު މެދުވެރިކޮށް މި ވާހަކަތައް ދެކެވުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ މި މައްސަލާގައި ސެކްރެޓަރީ ޖެނަރަލް ރާއްޖޭގެ އިދިކޮޅު އެއްވެސް ފަރާތަކާ ވާހަކަ ދެއްކެވިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު، އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޝައިނީ އިއްޔެ ޓްވީޓުކުރައްވައި، ވިދާޅުވީ އދއިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހުށަހެޅު ހުށަހެޅުމަށް ރައީސް ޔާމީން ނޫނެކޭ ވިދާޅުވެފައި ނުވާ ކަމަށެވެ.
"ފާހަގަކުރަން ޖެހޭ، ރައީސް އަމިއްލަފުޅަށް އެދިވަޑައިގަތީ މިކަމުގައި އދގެ ދައުރަކަށް،" ޝައިނީ ވިދާޅުވިއެވެ.
HEP Yameen hve not rjctd UN role in All Party Talks. Note tht UN participation is a request by the President himself. UN have always insisted for initial engagement btwn parties for UN to engage meaningfully, which gvmnt is trying to do but opposition keeps blocking.
— Mohamed Shainee (@mshainee)