އަޕްޑޭޓާ މެދު ނުރުހިފައި ތިބި ޔޫޒަރުންނަށް ސްނެޕްޗެޓުން ދިނީ ފިނި ރައްދެއް!

ސްނެޕްޗެޓް --- ފޮޓޯ: ގެޓީ އިމޭޖްސް

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓަށް އެންމެ ފަހުން ގެނައި ބަދަލާއެކު، ސްނެޕްގެ ޔޫޒަރުން ދަނީ އަޕްޑޭޓު ކަމުނުދާކަމަށް ބުނެ ޝަކުވާ އޮއްސަން ފަށައިފައެވެ.

މި އަޕްޑޭޓާ ދެކޮޅަށް އިންޓަނެޓު މެދުވެރިކޮށް ވަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަން ފަށައިފައެވެ. ގާތްގަނޑަކަށް 1.2 މިލިޔަން މީހުން މި ޕެޓިޝަނުގައި ސޮއިކޮށްފައިވާ އިރު ސްނެޕްޗެޓްގެ ވެރިންގެ ފަރާތުން ދިނީ މާ އުފާކުރުވާނެ ޖަވާބެއް ނޫނެވެ.

ސްނެޕްޗެޓުން ބުނީ އާ އަޕްޑޭޓަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ޔޫޒަރުން ހޭނޭނެ ކަމަށެވެ. މީގެ އިތުރުން އައިއޯއެސް އަދި އެންޑްރިއޮޑަށްވެސް ވަރަށް އަވަހަށް އަޕްޑޭޓެއް ލިބޭނެކަމަށާއި އެ އަޕްޑޭޓާއެކު ޔޫޒަރުންނަށް އެމީހުންގެ އެޕްލިކޭޝަން ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށް ސްނެޕްޗެޓުން ބުންޏެވެ. މި ޖަވާބާއެކު އެނގިގެން ދިޔަ ކަމަކީ ކުރީގެ ޑިޒައިނަށް އެނބުރި ދާން ސްނެޕުން ނުވިސްނާ ކަމެވެ.

ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ފޭސްބުކްއާއި ފޭސްބުކުން ހިންގާ އެހެން އެޕްލިކޭޝަންތަކާ ވާދަކުރަން ސްނެޕުން މިހާރު ޖެހެއެވެ. ފޭސްބުކްއިން އަންނަނީ ސްނެޕްޗެޓުގެ ގިނަ ފީޗާސްތަކެއް އެމީހުންގެ އެޕްލިކެޝަންތަކުގައި ބޭނުންކުރަމުންނެވެ. މިއާއެކު ސްނެޕް ދެކެ ހިތްހަމަނުޖެހިފައި ތިބި މީހުން ސްނެޕް ދޫކޮށްލުމަކީވެސް ގާތުގައި އޮތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

comment ކޮމެންޓް