ކުނި މެނޭޖުކުރާ ހަ ސަރަހައްދަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލައް، ގއ. މާމެންދޫ، ގއ. ކޮނޑޭ، ލ. ގަން، ދ. ކުޑަހުވަދޫ އަދި ށ. މިލަންދޫ އަށް ކަރަންޓް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަަން ލިމިޓެޑް އާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 2.2 މިލިއަން ރުފިޔާ އަށެވެ.
އެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެ ސަރަހައްދުތަކަކީ ކަރަންޓް ބޭނުންވާ ސަރަހައްދުތަކެއް ކަމަށާއި ގިނަ ތަންތަނަށް ވާނީ ކަރަންޓް ބޭނުންވާ އިކުއިޕްމަންޓް ގެންގޮސްފައި ކަމަށެވެ.
އެ މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް ފެނަކަ އަށް ދީފައިވާއިރު އެ ޕްރޮޖެކްޓަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓް އިން ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ އިތުރުން ފ. މަގޫދޫ އަދި ދ. ރިނބިދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމު ކުރުމަށް ވަނީ ދެ ކުންފުންޏަކަށް ހަވާލުކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ
މަގޫދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ގާއިމު ކުރުމަށް ދަންމާނު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ އިރު ރިނބިދޫ ގައި ސެންޓަރު ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ އަކުއާމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަށެވެ.
މަގޫދޫގައި ކުނި މެނޭޖު ކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރަހްމާން މުޖުތަބާ އާދަމެވެ.
އެ ދެ މަޝްރޫއަށް ވެސް 90 ދުވަހުގެ މުއްދަތެއް ދެ ކުންފުންޏަށް ވެސް ވަނީ ދީފަ އެވެ. އެ މަޝްރޫއަށް 1.1 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޒޯން ހައެއް އަދި ހަތެއްގައި ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ސާވިސް ހޯދުމަށް ސީޑީއީ ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ
އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 324،890 ރުފިޔާ އަށެވެ.
އެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި ސީޑީއީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ އަހްމަދު ޝާއިގް އެވެ.
އެ މަސައްކަތަކަށް ވަނީ ހަތަރު މަހުގެ މުހުލަތެއް ދީފަ އެވެ.
"ރައީސް ޔާމީން ސަރުކާރުގައި ވަނީ ރާއްޖެ އަކީ ސާފު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި. ރާއްޖޭގެ މާހައުލު ތަކަކީ ރައްކާތެރި ސިއްހީ ގޮތުން ރައްކާތެރި ދިރިއުޅުމުގެ މާހައުލަކަށް ހެދުމަށް ވަނީ މަސައްކަތްތަކެއް ކުރައްވާފައި،" މިނިސްތަރު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ކުރީ ސަރުކާރުތަކާ ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ފޮޓޯ/ އެންވާރަމަންޓް މިނިސްޓްރީ
މާލެ ސިޓީގައި ވެސް މިހާރު ގޭގެއަށް ގޮސް ކުނި ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި އަހަރު ތެރޭގައި ތިލަފުށިން ކުނި އެންދުމުގެ މަސައްކަތް ހައްލުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
"އަހަރު ނިމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުނި ކޮށްޓެއް ހުންނާނެ،" ތޯރިގު ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވިގެން ދިޔަ ހަތަރު މަޝްރޫއަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި އެ މަޝްރޫއު ތަކަކީ ސަރުކާރުގެ ޕީއެސްއައިޕީގެ ބަޖެޓުގެ ދަށުން ކުރިއަށްދާނެ މަޝްރޫއުތަކެކެވެ.