މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ހަވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޓެނިސް އެސޯސިއޭޝަން

ހަވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ވެސް ގިނަ އުމުރުފުރާތަކެއްގެ ކުޅުން ކުރިއަށްގޮސްފައިވާއިރު މުބާރާތުގައި ވަނީ ޖުމްލަ 95 ކުޅުންތެރިން ބައިވެރިވެފައެވެ. އެއީ 51 ފިރިހެން ކުޅުންތެރިންނާއި 44 އަންހެން ކުޅުންތެރިންނެވެ.

މިއަހަރުގެ ޓެނިސް ޗެމްޕިއަންޝިޕްގައި ކުރިއަށްދިޔައީ އަށް އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށުގެ އިތުރުން އޯޕަން ކެޓަގަރީތަކާއި 45 އަހަރުން މަތީގެ އުމުރުފުރާއެވެ.

މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލް ހޯދިއިރު އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އަޔާނީ މޫސާ ކަލީމެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން އަޔާނީ މޫސާ ކަލީމާއި ފާއިހް ފަޒީލް ހޯދިއިރު ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ސާއީ ވަހީދާއި އަލީ ފާރިޝް މުހައްމަދުގެ ޕެއާއެވެ. އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު މަލީލާ ސާލިހާއި އައިމިނަތު އިރުފާ މާހިރެވެ.

ހަވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްގެ 45 އަހަރުން މަތީ ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު އަކުރަމެވެ. ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަމީނާއި އަހުމަދު ކަލީމްގެ ޕެއާއިންނެވެ.

ލިލީ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑުން ސްޕޮންސަރކޮށްގެން ބާއްވަމުން އަންނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފެށިފައިވަނީ 2013 ވަނަ އަހަރުގައެވެ. މިއީ އެ ކުންފުނީގެ ސްޕޮންސަރގެ ދަށުން ބޭއްވި ހަވަނަ ޓެނިސް ޗެމްޕިއަންޝިޕެވެ.

comment ކޮމެންޓް