މެކްސިކޯގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހަކު މަރުވެއްޖެ

މެކްސިކޯގެ އިންޓީރިއާ މިނިސްޓަރާއި ވަހާކާ ސްޓޭޓުގެ ގަވަރުނަރު ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވަނީ ވެއްޓިފައި -- ފޮޓޯ: އޭއެފްޕީ

މެކްސިކޯ ސިޓީ (ފެބްރުއަރީ 18): މެކްސިކޯއަށް ހުކުރު ދުވަހު އައި ބިންހެލުން ބައްލަވާލެއްވުމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި 14 މީހަކު މަރުވެއްޖެ އެވެ.

މިނިސްޓަރު އަލްފޮންސޯ ނަވަރެއްޓޭ އާއި އެގައުމުގެ ވަހާކާ ސްޓޭޓުގެ ގަވަރުނަރު ތިއްބެވި އެހެލިކަޕްޓަރު ވެއްޓުނީ ބިންހެލުމުން ސަލާމަތްވި މީހުން ގެންދިޔަ ވޭންތަކެއްގެ މައްޗަށް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި އެހާދިސާގައި މަރުވެފައި ވަނީ އެވޭނުގައި ތިބި މީހުން ކަމަށާއި ހެލިކޮޕްޓަރުގައި ތިއްބެވި މިނިސްޓަރަށާއި ގަވަރުނަރަށް އަނިޔާ ނުވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެހާދިސާ ހިނގި މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ހެލިކޮޕްޓަރު އެސަރަހައްދަށް ދިޔައީ ކަރަންޓު ކެނޑިފައިވާ ވަގުތެއްގައި އެވެ. އަދި ހެލިކޮޕްޓަރު ޖައްސަން އުޅުމުން ކޮންޓްރޯލް ނުވެގެން ވެއްޓުނީ ކަމަށް އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.

މެކްސިކޯއަށް ހުކުރު ދުވަހު އައި 7.2 މެގްނިޓިއުޑުގެ ބިންހެލުމުގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް، އެ ހާދިސާގައި ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ގެއްލުންލިބިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް