އިނގިރޭސި އެފްއޭ ކަޕުގައި ޗެލްސީއާއި ހަލް ސިޓީ ވާދަކުރި މެޗުގައި ބްރެޒިލްގެ ވިލިއަންއާއި ފްރާންސްގެ ފޯވަޑް އޮލިވިއާ ޖިރޫ ދެއްކި ކުޅުމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ތައުރީފް ކޮށްފިއެވެ.
މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ޗެލްސީއަށް ބަދަލު ޖިރޫވަނީ ރޭގެ މެޗުގައި ޗެލްސީއަށް އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކުރުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް ފޯވަޑް ލައިންގައި ބޯޅަ ހިފަހެއްޓުމުގައި ޖިރޫގެ ބޭނުން ޗެލްސީންވަނީ ވަރަށް ބޮޑަށް ހިފައިފައެވެ.
ޖިރޫގެ އިތުރުން ރޭގެ މެޗުގައި ވިދާލީ ޗެލްސީއަށް ދެ ގޯލް ޖަހައިދިން ވިލިއަން އެވެ. ވިލިއަންއަށް ހެޓްރިކް ހަދަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވި ނަމަވެސް އޭނާވަނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ރޭގެ މެޗުން 4-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެފައިވާއިރު، ކޮންޓޭ ބުނީ ޗެލްސީގެ ފަރާތުން ފެނުނީ ޕޮސިޓިވް ކުޅެމެއް ކަމަށާއި، ހާއްސަކޮށް ޖިރޫއާއި ވިލިއަންގެ ކުޅުން ވަރަށް ފާހަގަ ކުރެވޭ ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ޗެލްސީ ނުކުންނާނީ އަންގާރަ ދުވަހުއެވެ. ރޭގެ މެޗާ ގުޅިގެން އެ މެޗުގައި ކުޅޭނެ ފުރަތަމަ 11 އަކާ މެދު ބޮޑު ވިސްނުމަކަށް ދާން ޖެހިފައިވާ ކަމަށްވެސް ކޮންޓޭ ބުންޏެވެ.
"އަންގާރަ ދުވަހާ ހަމައަށް ވިސްނަން ޖެހޭ ވަރަށް ބޮޑެތި ވިސްނުންތަކެއް އެބަހުރި. ޓީމަށް އެންމެ ފައިދާކުރާނެ 11 އެއް ނެރޭނީ ބާސާއާ ދެކޮޅަށް. ރޭގެ މެޗަށް ބަލައި ވިސްނަން ޖެހޭ ކަންތައް އިތުރުވެސް ވެއްޖެ،" ކޮންޓޭ ބުންޏެވެ.
ވިލިއަންއާއި ޖިރޫގެ އިތުރުން ރޭގެ މެޗުގައި ޗެލްސީއަށް ގޯލް ޖަހައިދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ. ފުރަތަމަ ހާފްގައި ޗެލްސީން ހަތަރު ގޯލް ޖަހައިފައިވާއިރު، ދެވަނަ ހާފްގައި ހަލް ސިޓީއަށްވަނީ ޕެނެލްޓީއެއްވެސް ލިބިފައެވެ. އެހެން ނަމަވެސް ޗެލްސީގެ ގޯލް ބެލެހެއްޓި ވިލީ ކަބަލޭރޯވަނީ ޕެނެލްޓީ ދިފާއުކޮށް ޗެލްސީގެ ކްލީން ޝީޓް ދަމަހައްޓައިފައެވެ.
ރޭގެ މެޗުން މޮޅުވެ ޗެލްސީވަނީ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.