ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެދި ރޮނާލްޑޯގެ ވަރުގަދަ މެސެޖެއް!

ރޮނާލްޑޯގެ އެފްބީ ޕޯސްޓުގައި ހިމަނާފައިވާ ދެ ފޮޓޯ ----

މިޔަންމާގައި ހިންގަމުންދިޔަ ލާއިންސާނީ އަމަލުތަކެއްގެ ސަބަބުން އެގައުމުގައި ދިރިއުޅުނު އެތައް މުސްލިމުންނެއް ވަނީ ހާލުގައި ޖެހި ބިކަވެފައެވެ. އެތައް ބައެއް މި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، އަވަށްޓެރި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ހިޖުރަކުރި އެތައް ބަޔަކު މިއަދުވެސް ތިބީ ކާނެ އެއްޗެއް، ލާނެ އަންނައުނެއް ނެތިފައެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބަޔަކަށް އެދިއެދިއެވެ.

ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގާގެ 640,000 އަށްވުރެ ގިނަ މީހުން މިހާރުވެސް ދަތި ހާލުގައި ދިރިއުޅެމުން ދާއިރު، އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްރެން"އިން އަންނަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދެމުންނެވެ.

ރޮނާލްޑޯގެ އޮފިޝަލް ފޭސްބުކް އެކައުންޓުގައި މިއަދު ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެއް ދުނިޔެއެއް ކަމަށެވެ. ކޮންމެ މީހަކުވެސް ލޯބިވާ އާއިލާއެއް އޮންނާނެ ކަމަށާއި، ރޮހިންގާ މުސްލިމުންގެ ނިކަމެތި އާއިލާތަކަށް އެހީތެރިވުމަށް ރޮނާލްޑޯ އާދޭހާއެކު އެދޭކަމަށެވެ. އޭނާގެ ފޭސްބުކް ޕޯސްޓުގައި ރޮހިންގާގެ ނިކަމެތި އާއިލާއެއް ދައްކުވައިދޭ ފޮޓޯއަކާ، ރޮނާލްޑޯ އޭނާގެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ލިންކެއްވެސް ޕޯސްޓަށް އޭޓޭޗުކޮށްފައެވެ.

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ގޮވާލާ ރޮނާލްޑޯ ކޮށްފައިވާ ޕޯސްޓް ---

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފާހަގަކުރެވެނީ އިންސާނިއްޔަތަށްޓަކައި އަބަދުވެސް ތެދުވާ އެތުލީޓެއްގެ ގޮތުގައެވެ. ނިކަމެތި ފަގީރުންގެ ލާބައަށް ގިނަ ގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ރޮނާލްޑޯ ވަނީ ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމެއް މުސްލިމު ގައުމުތަކަކަށްވެސް ފޯރުކޮށްދީފައެވެ.

ދެހާސް އެގާރަވަނަ އަހަރު ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިގެން ރޮނާލްޑޯއަށް ލިބުނު ރަން ބޫޓަށްވުރެ އޭނާއަށް މުހިންމުވީ ފަލަސްތީނުގެ ސްކޫލްތަކެވެ. އެގޮތުން ނީލަމުގައި ރަންބޫޓް ވިއްކާލައި، ފަލަސްތީނުގެ ގައްޒާގައި ވީރާނާވެފައިވާ ސްކޫލްތައް ހެދުމަށް ރޮނާލްޑޯ ވަނީ 1.5 މިލިއަން ޕައުންޑް ހަދިޔާކޮށްފައެވެ.

ރޮނާލްޑޯއަށް ޔޫރޯއިން ލިބުނު ބޯނަސް ފައިސާއާއެކު ޖުމްލަ 100،000 ޔޫރޯ ހަދިޔާކުރީ ޔޫއެފާގެ އެހީއާއެކު އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްއިން އަފްގާނިސްތާނުގައި ހިންގަމުންދާ ފިޒިކަލް ރިހެބިލިކޭޝަން ޕްރޮގްރާމަށެވެ.

ސީރިއާގައި ހާލުގައި ޖެހުނު ކުޑަކުދިންގެ ދިފާއުގައިވެސް ގިނަ ޕޯސްޓުތަކެއް ކުރަމުން އަންނަ ރޮނާލްޑޯގެ ފޭސްބުކް އަދި އިންސްޓާގްރާމަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެކައުންޓްތަކެވެ. އޭނާގެ ޕޯސްޓްތައް މަދު ވަގުތު ކޮޅެއްގެ ތެރޭގައި "ވައިރަލް" ވެގެން ދާއިރު، ރޮނާލްޑޯގެ އެންމެ ފޭސްބުކް ޕޯސްޓަކީވެސް މުޖުތަމައަށް ދެވޭ ވަރުގަދަ މެސެޖެކެވެ.

comment ކޮމެންޓް