މައުމޫނާއި ގާސިމް ހިމެނިގެން ދާނީ ޑިމޮކްރެޓިކް ނިޒާމް ފުނޑާލި ދެ ބޭފުޅުންގެ ގޮތުގައި: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް 'ފުނޑާލި' ދެ ބޭފުޅުންގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަންފުޅު ތާރީޚުގައި ލިޔެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ 'ރުމާލް2' ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަައީދު ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު ވޭތުވެގެން ދިޔަ ދުވަސްތަކުގައި ބިނާކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމް 'ފުނޑާލި' ދެ ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫނާއި ގާސިމް އިބްރާހިމް ހިމެނޭ ކަމަށެވެ.

"ގާނޫނީ ނިޒާމެއްގެ ތެރެއިން ރޫލް އޮފް ލޯ ކުރިމައްޗަށް ނެރެ ދައުލަތުގެ އެންމެ ބާރުވެރި ފަރާތުގެ ގޮތުގައި ވަލިއްޔުލް އަމުރާ ހަވާލުކޮށްގެން މިހިނގާ ނިޒާމްގެ ތެރޭގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ފުނޑާލި ދެ ބޭފުޅުންގެ ތެރޭގައި މި ދެ މީހުން ހިމެނިގެން ދާނެ. ގާސިމް އިބްރާހިމް އާއި ރައީސް މައުމޫން،" ގާސިމް އަރިހުގައި ޖޭޕީގައި ކުރިން މަސައްކަތް ކުރެއްވި ސައީދު ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް (ކ) އާއި ރައީސް މައުމޫން: ސައީދު ވިދާޅުވީ އެ ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރެސީ ފުނޑާލަން މަސައްކަތްކޮށްފައި ކަމަށް -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް މައުމޫނާއި ގާސިމް އިބްރާހިމަށް "ޑިމޮކްރެޓިކް ނިޒާމް ފުނޑާލުމުގެ މަސައްކަތް" މަތިކުރެއްވީ މަކަރުވެރިކަމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ސައީދު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ސައީދު ވަނީ ނަޝީދާއި އެމަނިކުފާނުގެ އާއިލާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ރައްދުކުރައްވާފައެވެ.

ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި ގައުމު ތަބަކަކަށްލައި ބޭރުގެ ފަރާތްތަކަށް ހަދިޔާ ކުރުމަށްކަމަށާއި އެކަމުގެ ހިތާމަ މުޅި އުމުރަށް ދިވެހީން ކުރަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސަރަހައްދީ މުސީބާތެއް ކަމަށް ސިފަކުރައްވައި ސައީދު ވިދާޅުވީ އެމަނިކުފާނު އަމަލުކުރައްވާ ގޮތުން ބޮޑެތި ގައުމުތައް ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިގައިދާނެ ކަމަށެވެ.

comment ކޮމެންޓް