މައުމޫނު، ނަދީމް އަދި ފާރިސްއާ ވެސް މިހާތަނަށް އެއްވެސް ސުވާލެއް ނުކުރޭ: ވަކީލުން

ރައީސް މައުމޫނުގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް- ފޮޓޯ/ އޭޕީ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްއާ މިހާތަނަށް ފުލުހުން ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވަކީލުން ބުނެފި އެވެ.

އެ ތިން ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ ފަރާތްތަކުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ރޭ މައުމޫނާއި ނަދީމް އަދި ފާރިސްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލު ހުސައިން ޝަމީމް ވިދާޅުވީ އެ ތިން ބޭފުޅުންނާ މިހާތަނަށް ތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

"ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެއްބާރުލުން ދޭކަށް ފުރުސަތެއް ވެސް އެބޭފުޅުން ނުދެއްވާ" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ކުށުގެ ތުހުމަތުގައި ހުންނަ މީހާގެ ކިބައިން ފުލުހުން ބޭނުން ވަނީ ކޮން ކަހަލަ އެއްބާރުލުމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އެއްބާރުލުން ދިނުމަކީ ކުށަށް އިއުތިރާފުވުންތޯ ވެސް ޝަމީމް ސުވާލު އުފެއްދެވި އެވެ.

ރައީސް މައުމޫނުގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ ނަޖުމާގެ ގެއިން ކަޅު ފޮއްޓެއް ފެނުނު ކަމަށާއި އޭގެން މައްސަލައާ ގުޅުން ހުރި ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ ފުލުހުން އެ ވިދާޅުވާ ފަދަ ފޮއްޓެއް އެގެއިން ނުފެންނަ ކަމަށެވެ. އަދި އެގެއިން ފޮއްޓެއް ފުނުނު ކަމުގެ ލިޔުމެއް ވެސް ފުލުހުން ދީފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ ފޮށިން ހެއްކެއް ފެނުނިއްޔާ ދެން އެވާނީ ފުލުހުން އެއަށް ލާފައި އޮތް އެއްޗަކަށް. އެއީ އަޅުގަނޑުމެންނަށް ފުލުހުން ދެއްވާފައި ހުރި ރެކޯޑުތަކުން ފޮއްޓަކުން އެއްވެސް އެއްޗެއް ފެނުނު ކަމަށް އެނގޭކަށް ނެތް." ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ ވަކީލުން ވިދާޅުވީ އިސްލާހީ މަސައްކަތަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށެވެ.

comment ކޮމެންޓް