ސުޖަން އީގަލްސްގެ ފަރިތަކުރުންތަކާ ގުޅިއްޖެ، މިސްރުގެ ޑިފެންޑަރު މި ސީޒަންގައިވެސް ފެންނާނެ

ކްލަބު އީގަލްސްއަށް މިދިޔަ ތިން އަހަރުވެސް ކުޅުނު ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އެ ކްލަބުގެ ފަރިތަކުރުންތަކާ މިއަދު ގުޅިފައިވާއިރު މިދިޔަ ސީޒަންގައިވެސް އީގަލްސްއަށް ކުޅުނު މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) އަންނަ ސީޒަންގައިވެސް އެޓީމަށް ގެންނާނެ ކަމަށް އީގަލްސްއިން ބުނެފިއެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) 'ސަން ސްޕޯޓްސް' އަށް ވިދާޅުވީ ސުޖަން ޕެރޭރާ މިއަދު އީގަލްސްގެ ފަރިތަކުރުންތަކުގައި ގުޅިފައިވާކަމަށާއި، ޑިފެންޑަރު ރާމޯސްވެސް މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ.

މިސްރުގެ ރާމޯސްވަނީ އެ ގައުމުގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ނުޖޫމް އަލް މުސްތަގްބަލް އާއި އެގައުމުގެ ޕްރިމިއާ ލީގުގެ ކުލަބް ވާދީ ނުޖޫމްއަށްވެސް ކުރިން ކުޅެފައެވެ.

މިދިޔަ ސީޒަން ފެށިއިރު އަނިޔާގައި ހުރި ނަމަވެސް ރާމޯސްވަނީ ސީޒަންގެ ފަހުކޮޅުގައި އީގަލްސްގެ ޑިފެންސުގައި މުހިއްމު ކުޅުމެއް ދައްކައިފައެވެ.

އީގަލްސްއަށް ކުޅެމުން އަންނަ ސުޖަންއަކީ އީގަލްސްއަށް މުހިއްމު ކުޅުންތެރިއެކެވެ. އެ ކްލަބުގެ ތާރީހުގައި ހޯދި ފުރަތަމަ ޓްރޮފީ، 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕު ހޯދުމުގައިވެސް ސުޖަންގެ ދައުރު ބޮޑެވެ. ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ސުޖަންއަކީ މިދިޔަ ސީޒަންގައި އީގަލްސްގެ ވައިސް ކެޕްޓަންވެސް މެއެވެ.

މި ސީޒަންގައި އީގަލްއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަންއާއެކު އީގަލްއިން މިދިޔަ މަހު 19 ވަނަ ދުވަހު ފަރިތަކުރުންތައް ފަށައިފައިވާއިރު، އެ ކްލަބުން ކުރިންވެސް ބުނެފައިވަނީ ލަންކާގެ ކީޕަރު ސުޖަންގެ އިތުރުން ބިދޭސީ ތިން ކުޅުންތެރިން ގެންނާނެކަމަށެވެ.

ކުރިއަށްއޮތް ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންދާ އީގަލްސްގެ ފަރިތަކުރުންތަކުގައި އެޓީމާ މި ސީޒަނަށް ގުޅުނު މުހައްމަދު އާރިފް (ބަކާ)ވެސް އަންނަނީ ބައިވެރިވަމުންނެވެ. އަންނަ ސީޒަނަށް އީގަލްސްގައި ތިބި ލޯކަލް ކުޅުންތެރިންގެ ތެރެއިން މުޖްތާޒު މުހައްމަދު (މުޖޭ) އާއި ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ނޫން އެހެން ހުރިހާ ކުޅުންތެރިން ވަނީ ކްލަބުގައި އަންނަ ސީޒަންގައިވެސް މަޑުކުރުމަށް ކޮންޓްރެކްޓް އައުކޮށްފައެވެ.

comment ކޮމެންޓް