ރާއްޖޭގައި ތަރައްގީކުރަނީ އެންމެ ހަތް ރިސޯޓު: ޗައިނާ

ރާއްޖޭގެ ރިސޯޓެއް --- ފޮޓޯ: ބުކިން. ކޮމް

ރާއްޖޭގެ 16 ނުވަތަ 17 ރަށެއް ޗައިނާއިން ގަނެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކައަށް ޗައިނާއިން ރައްދު ދީފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސްރީލަންކާގައި އެމަނިކުފާނު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ޗައިނާއިން ދަނީ ރާއްޖޭގެ "ރަށްތަކާއި ބިންތައް ހިފަމުން" ނުވަތަ "ލޭންޑް ގްރޭބް" ކުރަމުން ކަމަށެވެ.

ރައްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ކައުންސިލް ޔަންގް ޔިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ "ރަށްތަކާއި ބިންތައް ހިފުން"، ނުވަތަ އިންޑިއާ ކަނޑުގެ ސުލްހަ ނަގާލުން ފަދަ ތުހުމަތުތައް ޗައިނާއަށް ކުރުމަކީ އެގައުމާއި އެގައުމުގެ ރައްޔިތުން ހިތާމަކުރާ ކަމެއް ކަމަށެވެ.

ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ތަފާތު 30 ގައުމެއްގެ އެކިއެކި ކުންފުނިން ރާއްޖޭގެ ގިނަ ރިސޯޓުތަކަކަށް އިންވެސްޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އެގޮތުން، ފަތުރުވެރިކަމުގެ 124 ރަށަކަށް ބޭރު ކުންފުނިތަކުން އިންވެސްޓްކޮށްފައިވާ ކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.

ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ، ޗައިނާގެ ކުންފުނިތަކުން ނިންމާފައިވަނީ އެންމެ ގިނަ ވެގެންވެސް ރާއްޖޭގައި ހަތް ރިސޯޓަށް އިންވެސްޓްކުރުމަށް ކަމަށެވެ.

"އެންމެ ގިނަވެގެން ހަތް ރަށަށް އިންވެސްޓްކުރަން ޗައިނާ ކުންފުނިތަކުން ނިންމާފައިވަނީ. އެއީ ރާއްޖޭގެ ހުރިހާ ފޮރިން އިންވެސްޓްމެންޓެއްގެ ތެރެއިން ހަވަނައަށް އެންމެ ބޮޑު އިންވެސްޓްމެންޓް. އަދި ރާއްޖޭގައި ހިނގާ އިންވެސްޓްމެންޓް މަޝްރޫއުތަކުގެ 5.65 ޕަސަންޓު،" ޗައިނާ އެމްބަސީން ބުންޏެވެ.

އެމްބަސީން އިތުރަށް ބުނީ އެ ތަފާސް ހިސާބުތަކަށް ބަލައިރު، ރާއްޖޭގައި ހުރި 100 އަށް ވުރެ ގިނަ ރިސޯޓުގެ ތެރެއިން ޗައިނާ ކުންފުނިތަކާ ގުޅުން ހުރީ ވަރަށް މަދު ތަނަކާ ކަމަށެވެ.

"އެހެންކަމުން ނަޝީދު ދައްކަވާފައިވާ ވާހަކައިގައި އެއްވެސް ވަރަކަށް ހަގީގަތަކާއި އަސާސެއް ނެތް،" ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގެ 16 ރަށެއް ގަނެފައިވާ ކަމަށް ތުހުމަތުކޮށް، ރައީސް ނަޝީދު ވިދާޅުވީ އެ ރަށްތައް ބޭނުންކުރަން ރާވާފައިވާ ގޮތެއް ސާފު ނުވާ ކަމަށެވެ.

"ޗައިނާގެ މަސްލަހަތު އޮންނަ ގޮތަށް ދޫކުރި 16 ނުވަތަ 17 ރަށުގެ ވާހަކަ މި ދައްކަނީ. ރަށެއް ހެދިދާނެ ރިސޯޓަކަށް. ރަށެއް ހެދިދާނެ އެހެނިހެން ބައިވަރު އެއްޗެއްސަށް ވެސް،" މި ރަށްރަށަކީ ޓޫރިޒަމްގެ ބޭނުމަށް ރާއްޖެއިން ދޫކުރި ރަށްތަކެއްތޯ ލަންކާގެ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް