ކުޅުދުއްފުށީގައި ކަރަންޓް ކެނޑިދާނެތީ، ޖަނެރޭޓަރެއް ވަގުތީގޮތުން އެރަށަށް ގެންދަނީ

ހދ. ކުޅުދުއްފުށި. ކުޅުދުއްފުށީގައި ކަރަންޓްގެ ހިދުމަތް ކެނޑިދާނެތީ، 800 ކިލޯވޯޓުގެ ޖެނެރޭޓަރެއް ވަގުތީގޮތުން އެރަށަށް ގެންދަން ފެނަކައިން ވަނީ ނިންމައިފައި--- ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ހދ.ކުޅުދުއްފުށީގައި ކަރަންޓްގެ ހިދުމަތް ކެނޑިދާނެތީ، 800 ކިލޯވޯޓުގެ ޖެނެރޭޓަރެއް ވަގުތީގޮތުން އެރަށަށް ގެންދަން އެރަށަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަން އިން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުޅުދުއްފުށީގެ އެއް މެގަ ވޯޓުގެ ޖެނަރޭޓަރަށް ދިވާމި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ލޯޑް ބޮޑުވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ހދ. ކުޅުދުއްފުށީގެ ކަރަންޓްގެ ހިދުމަތަށް ވަގުތީ ގޮތުން ހައްލެއް ހޯދުމުގެ ގޮތުން އެރަށަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިއުމުގެ މަސައްކަތް މިކުންފުނިން ކުރަމުންދާ ކަމުގައި ދަންނަވަމެވެ." ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.

ކުޅުދުއްފުށީގައި މިހާރު ކަރަންޓްގެ ހިދުމަތް ދެމުންދަނީ އެއް މެގަ ވޯޓާއި އަދި 800 ކިލޯވޯޓުގެ ދެ ޖެނެރޭޓަރު ބޭނުންކޮށްގެންނެވެ.

މައްސަލަ ދިމާވި ޖެނެރޭޓަރު މަރާމާތުކުރުމަށް ބޭނުންވާ ސްޕެއާތައް އަންނަ ހޮނިހިރު ދުވަހު ލިބޭނެ ކަމަށާއި އަދި އޭގެފަހުން ކަރަންޓުގެ ހިދުމަތް ކުރީގެ ހާލަތަށް ރުޖޫއަވެގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

comment ކޮމެންޓް