ބޮޑުކުރި މުސާރައިގެ ފައިދާ ކުރާނެބާ؟

ދިވެހި ސިވިލް ސާވިސްގެ އެންމެ ގިނަ އޮފީސްތަކެއް އެއް އިމާރާތެއްގައި ހުންނަ ވެލާނާގެ--- ސަން ފައިލް ފޮޓޯ/ އަހްމަދު މުޖްތަބާ

ދިވެހީން މި ފެބްރުއަރީ މަހާ ކުރިމަތިލީ "ގަދަ ފަދަ ކޮޅިގަނޑެއް"ގެ ތެރޭގަ އެވެ. މި ލޮބުވެތި ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލުމާ އެކު އެވެ. އަރައި ނުގަނެވޭ ފަދަ ފުން ވަޅުގަނޑަކަށް ގައުމު ވެއްޓިދާނޭކަމުގެ ބިރުވެރިކަމާ އެކު އެވެ. އެހެން ނަމަވެސް، އާޚިރުގައި މި ދުވަސް ވެގެން ގޮސްފައި މިވަނީ ހީކުރި ގޮތާ މުޅިން ޚީލާފަށް ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބޮޑު ދުވަހަކަށެވެ. އުންމީދުތަކެއްގައި ކުލަޖެހިގެން ދިޔަ ދުވަހަކަށެވެ. ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ލިބުނީ އެވެ.

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރި ހަބަރު ލިބުމާ އެކު ސޯޝަލް މީޑިއާ އަދި ދޭދޭ މީހުންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކައަކީ ބޮޑުވާ މުސާރައާ އެކު ތަކެތީގެ އަގާއި ކުލި ބޮޑުކުރާނެ ވާހަކަތަކެވެ. ބޮޑުވާ މުސާރައިން ދިރިއުޅުމަށް އިތުރު ފައިދާއެއް ނުލިބޭނެ ވާހަކަ އެވެ. ބޮޑުވި މުސާރައިގެ ހިތްހަމަޖެހުމަށް ވުރެ، ތަކެތީގެ އަގުތައް މައްޗަށް ގޮސްދާނެ ކަމުގެ ހިތްހަމަ ނުޖެހުމެވެ. މިއީ ހަގީގަތަކަށް ވެދާނެބާ އެވެ؟

ދިވެހި ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި އެންމެ ބޮޑު އިސްކަމެއްދީފައި ވަނީ މުވައްޒަފުންގެ ހަގީގީ އާމްދަނީ ނުވަތަ ރިއަލް އިންކަމް އިތުރުކޮށް މުސާރަ ބޮޑުވުމާ ގުޅިގެން އަންނަ އިންފްލޭޝަން ކޮންޓްރޯލް ކުރުމެވެ.

"މުސާރަ ބޮޑުވެގެން ދިއުމަކީ އިންފްލޭޝަން އަށް އަސަރު ކުރާނެ ކަމެއް. އެހެން ނަމަވެސް އެ އަސަރު ކުޑަކުރެވޭތޯ ބަލައި މި ފަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރިއަލް އިންކަމް މަތި ކުރުމަށް،" ބޮޑުކުރި މުސާރައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވި އެވެ.

ރިއަލް އިންކަމް އަކީ ކޮބާ؟

ރިއަލް އިންކަމް އަކީ، ތިމާއަށް ލިބޭ މުސާރައިން ގަނެވޭ ތަކެތީގެ މިންވަރެވެ. ކުރިން ލިބުނު ކުޑަ މުސާރައިން ގަނެވޭ މިންވަރަށް ވުރެ ގިނައިން ތަކެތި ގަނެވުމުމަކީ ރިއަލް އިންކަމް އިތުރު ވުމެވެ. ބޮޑުވާ މުސާރައާ އެކު ތަކެތި ގަނެވޭ މިންވަރު އިތުރު ނުވާ ނަމަ ރިއަލް އިންކަމް އިތުރު ނުވަނީ އެވެ. ރިއަލް އިންކަމް އިތުރު ނުވާ ސަބަބަކަށް ވަނީ އިންފްލޭޝަން މައްޗަށް ދިއުމެވެ.

އިންފްލޭޝަން އަކީ ކޮބާ؟

އިންފްލޭޝަން އަކީ އިގްތިޞާދުގައި ތަކެތީގެ އަގު މަތިވުމަށް ކިޔާ ނަމެކެވެ. އިންފްލޭޝަން މައްޗަށްދާން މެދުވެރިވާ އެއް ސަބަބަކީ ޑިމާންޑް އިތުރު ވުމެވެ. ނުވަތަ ތަކެތި ގަންނަ މިންވަރު އިތުރު ވުމެވެ. މުވައްޒަފުންނަަށް ލިބޭ މުސާރައާއި އިންފްލޭޝަން އާ ގުޅުމެއް ވާނެ އެވެ.

ދިވެހި ސިވިލް ސާވިސްގެ މުއައްސަސާތަކަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ އިދާރާތަކަކެވެ. ދެހާސް ނުވަ ވަނަ އަހަރަށް ފަހުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މުސާރަ އެންމެ ފަހުން މިފަދަ ގޮތަކަށް ބޮޑުކުރި މިއީ ފުރަތަމަ ފަހަރެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް: ސަން ފައިލް ފޮޓޯ

ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި 16000 މީހުން މަސައްކަތް ކުރާއިރު، މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެނެސްފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންކަން ފާހަގަ ކުރެވެ އެވެ. އެއީ 2012 އިން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އައި އިރުގައި މުސާރައަށް ކުރިއެރުން ގެނެސްފައި ވަނީ 2.2 ޕަސެންޓް މުވައްޒަފުންނަށެވެ. އަދި 2014 އިން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ސިވިލް ސާވިސްގައި މަސައްކަތް ކުރާ 24.2 ޕަސެންޓް މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ވަނީ ގެނެސްފަ އެވެ. އަދި މި އަހަރުގައި މުސާރަ ބޮޑުކޮށްފައި ވަނީ މީގެ ކުރިން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނގަނޑަށް ބަދަލު ނުގެނެސް ހުރި 73.6 ޕަސެންޓް މުވައްޒަފުންގެ މުސާރަ އެވެ. އެއާއެކު ސިވިލް ސާވިސްގައި މަސައްކަތް ކުރާ 100 ޕަސެންޓް މުވައްޒަފުންގެ މުސާރަ މިވަނީ ބޮޑުކޮށްފަ އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ދެންވާނީ ކިހިނެއް؟

މުސާރަ ބޮޑުކުރުމުގެ މައިގަނޑު މަގުސަދަކީ "ރިއަލް އިން ކަމް" (ފައިސާ އިން ތަކެތި ގަނެވޭ މިންވަރު) އިތުރު ކުރުން ކަމުގައި ވާއިރު މުސާރަ އިތުރު ކުރުމުގެ ސަބަބުން އަންނަ އިންފްލޭޝަން ބޮޑު ވެއްޖެ ނަމަ، އޭގެ ފައިދާ މުސާރަވެރިންނަކަށް ނުކުރާނެ އެވެ.

މުވައްޒަފުންގެ މުސާރަބޮޑުވެ ގެއަށް ގެންދެވޭ މުސާރަ ބޮޑުވުމަކީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ދިރިއުޅުމުގެ ހަރަދު ބޮޑުވެގެން ދިއުމަށް މަގުފައިވާނެ ކަމެކެވެ. ސަބަބަކީ މުސާރަބޮޑުވުމުން ހަރަދުތަކަށް ކުރާ ޑިމާންޑް ބޮޑުވުމެވެ. ތަކެއްޗަށް ކުރާ ޑިމާންޑް ބޮޑުވުމެވެ.

"ރާއްޖޭގެ އިގްތިޞާދުގެ ބޮޑުބައެެއް ޑިމާންޑްކުރަނީ އެތެރެކުރާ މުދަލަށް ވުމުން ޑޮލަރުގެ ޑިމާންޑް ބޮޑުވެގެންދާނެ. އެހެން އެކަން ދިމާވުމުން ޑޮލަރު ފަހާ ދުވާ ރުފިޔާ އިތުރުވެ، މުވައްޒަފުންގެ މުސާރައިން ބޮޑުވާބައިން މުވައްޒަފުންނަށް މާބޮޑު ފައިދާ ނުކުރުން އެކަށީގެންވޭ،" މުނައްވަރު ވިދާޅުވި އެވެ.

މިފަހަރުގެ ބޮޑުކުރި މުސާރައިން ފައިދާ ކުރާނީ ކިހިނެއް؟

މުސާރަ ބޮޑުވުމާ އެކު އިންފްލޭޝަނަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ ކޮންމެ އިގްތިޞާދެއްގައި ވެސް ކަންކަން ހިނގައިދާނެ ގޮތެވެ. އެހެން ނަމަވެސް މުސާރަ ބޮޑުކުރުމުގައި ސަރުކާރުން ގެންގުޅެފައި ވަނީ އެކަމަށް ރިއާޔަތްކޮށް މުވައްޒަފުންނަށް މުސާރައިގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ ފަދަ ގޮތަކަށެވެ.

އިންފްލޭޝަންގެ އަސަރު ކުޑަކުރުމަށް ޓަކައި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ އެކި ގިންތީގެ މުވައްޒަފުންނަަށް އެކި ދުވަސްވަރު އެކި ފަހަރު މަތިންނެވެ. ސަބަބަކީ އެއްފަހަރާ މާ ބޮޑަށް މުސާރަ ބޮޑުކޮށްފި ނަމަ ބާޒާރުގެ އަގުތައްބޮޑުވެ މުސާރަ ބޮޑުވުމުން ލިބުނު ފައިދާ ނުލިބި، "ރިއަލް އިންކަމް" ދަށްވެދާނެތީ އެވެ. ނަމަވެސް އެކި ދުވަސް ވަރު ބައިބަޔަށް މުސާރަ ބޮޑުކުރުމުން މުސާރައިން ބޮޑުވާބައިގެ ފައިދާ އެންމެ އެދެވޭ ގޮތުގައި މުވައްޒަފުންނަށްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ.

"އެއްފަހަރާ ބޮޑު އަދަދަކަށް މުސާރަ ބޮޑުކޮށްފި ނަމަ އިގްތިސޯދުގައި އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށްދާނެ. އެކަމުގެ ސަބަބުން ރިއަލް އިންކަމް ދަށްވާނެ. އެހެން ކަމުން މުސާރަ ބޮޑުކުރުމަށް ބަޖެޓް އެކުލަވާލި އިރުގައި ވެސް އިގްތިޞާދީ ގޮތުން ބެލެންސް ހިފަހައްޓާފައި ބަޖެޓް ކަނޑައެޅީ،" މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މާލޭ ދަތުރުވެރީންގެ މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ސާވިސް މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް ތައުލީމާއި ތަޖުރިބާ ހޯދުމަށް ހިތްވަރުދީ، ވަޒީފާގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޭން ހަމަޖެހިފައިވާ "ޓެކްނިކަލް ކޯ" އެލަވަންސް، އެލަވަންސެއްގެ ގޮތުގައި ދޭން ނިންމައިފައި ވުމުގެ ސަބަބުން މުސާރަ ބޮޑުކުރަން ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރު އެއްކޮށް މުވައްޒަފުންނަށް ލިބިގެންދެ އެވެ. އަސާސީ މުސާރައަށް އެބައި ބޮޑުކޮށްފި ނަމަ ޕެންޝަނަށް އުނިކުރަން ޖެހި ވަގުތުން ވަގުތަށް މުސާރައަށް އަންނަ ހެޔޮ ބަދަލު ކުޑަވެގެން ދާނެ އެވެ.

ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އޭގެ އެންމެ އެދެވޭ ފައިދާ މުވައްޒަފުންނަށް ހޯދައިދިނުމަށް ޓަކައި ދިރިއުޅުމުގެ އަގުތައް ކުޑަކުރުމަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގިނަ އަދަދެއްގެ ހައުސިން ޔުނިޓް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބިގެން ދިއުމުން ކުއްޔަށް ހަރަދު ކުރަމުން އައި މިންވަރު ކުޑަވެ އޭގެ ފައިދާ ދިރިއުޅުމަށް ކުރާނެ އެވެ.

"ސިވިލް ސާވިސް މުވައްޒަފުންނަށް ފްލެޓް ދޫކުރުމުން އެ ލިބޭ އަމިއްލަ ފްލެޓްގައި އުޅޭ ނަމަ ބޮޑެތި ކުލި ދައްކާކަން ނުޖެހޭނެ. އޭރުން ވެސް ދިރިއުޅުމުގެ ހަރަދު ކުޑަވެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ،" މުނައްވަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ސަރުކާރުން ވަނީ އަތޮޅުތެރޭގެ ފެނާއި ކަރަންޓުގެ އަގު މާލެއާ އެއްވަރަށް ހެޔޮ ކުރަން ނިންމައިފަ އެވެ. ސިވިލް ސާވިސް މުވައްޒަފުުންގެ ތެރެއިން 65 ޕަސެންޓް މުވައްޒަފުންނަކީ އަތޮޅުތެރޭގައި އުޅޭ މީހުންނަށް ވުމުން ސަރުކާރުން އެގެނައި ހެޔޮ ބަދަލާ އެކު ބޮޑުވި މުސާރައިގެ އެންމެ އެދެވޭ މަންފާ، ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ލިބިގެންދާނެ އެވެ.

ބޮޑުކުރި މުސާރައާ އެކު މުއައްސަސާތައް ވެސް ވަރުގަދަވެގެން ދާނެ

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި ސަރުކާރުން ގެންގުޅުނު ވިސްނުމަކީ މުވައްޒަފުންނާއި ރާއްޖޭގެ އިގްތިޞާދާއި މުޅި ސިވިލް ސާވިސް މުއައްސަސާއަށް ވެސް އޭގެން ފައިދާ ކުރާނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ވިސްނުމެކެވެ. ސިވިލްސާވިސް އަކީ ޕްރޮފެޝަނަލް ސާވިސް އަކަށް ހެދުމަށް ޓަކައި މުސާރައިގެ އޮނިގަނޑަށް އައި ބަދަލުގައި ތައުލީމާއި ތަމްރީން ހޯދުމަށް ވެސް ބާރުއަޅާފައިވެ އެވެ.

ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގި ވޯކްޝޮޕެއްގެ ތެރެއިން -- ސިވިލްސާރވިސް ފައިލް ފޮޓޯ

"މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި އިރު އުފެއްދުންތެރި މީހުން ވަޒީފާ ދޫކޮށް ދާތީވެ އެ ފަދަ މީހުން ވަޒީފާގައި ދަމަހައްޓައި ތައުލީމާއި ތަޖުރިބާ ހޯދުމަށް ވެސް ބާރުދިނުމުގައި އިސްކަން ދީފައިވާނެ. ސަބަބަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ގައުމުގެ ޖީޑީޕީ އިތުރުވެގެންދާނެ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

މިފަހަރު ގެނައި ބަދަލުގައި ސިވިލް ސާވިސްގެ އެންމެ ގިނަ މަގާމުތައް ހިމެނޭ ސާވިސް ކެޓަގަރީގައި މިހާރު ހިމެނޭ 700 އަށް ވުރެ ގިނަ މަގާމުތަކުގެ އިނާޔަތްތަކަށް ގެނައި ބަދަލާ ގުޅިގެން އެކަނި ވެސް އަހަރަކު 60.74 މިލިއަން ރުފިޔާ އިތުރަށް ހަރަދުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި މިއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެމުން އައި ތާރީހަށް ބަލާއިރު އެންމެ ތިރީ ފަށަލައިގެ މުވައްޒަފުންނަށް އެންމެ ބޮޑަށް މުސާރަ ބޮޑުވި ފަހަރު ކަން ވެސް ފާހަގަކުރެވެ އެވެ.

comment ކޮމެންޓް