އެމްއޭސީއެލްގެ ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އަޅާ 14 ބުރީގެ ދެ ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްއޭސީއެލް އިން އަޅާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންނާއި އިސްވެރިންނެވެ.

ފްލެޓް ތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެމްއޭސީއެލްއަކީ ހިޔާ މަޝްރޫއު އިއުލާނުކުރުމާއެކު އެކަމަށް އެންމެ ފުރަތަމަ ކުރިމަތިލީ އެއް ކުންފުނި ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ އެންމެ ފުރަތަމަ ނިންމާ ފްލެޓަށް އެމްއޭސީއެލްގެ ފްލެޓް ޓަވަރުތައް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނީގެ މުވައްޒަފުންގެ ހައްގުގައި އެ މުވައްޒަފުން ބޭނުންވާ ކަންކަން ވެވުނު މިންވަރަކުން ކޮށްދޭން ކަމަށެވެ. އަދި ހިޔާ މަޝްރޫއަކީ އެ ކުންފުނީގެ މުވައްޒަފުން އެންމެ އެދޭ އެއް ކަންތައް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ފްލެޓްތައް ނިންމައި ހަވާލު ކުރެވޭވަރު ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފްލެޓްތައް ހަވާލު ކުރާއިރުގައިވެސް މުވައްޒަފުންނަށް ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް އަގު ހެޔޮކޮށް އެކަން ކަން ކޮށްދިނުމަށް،" އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލް އަކީ ސަރުކާރު ކުންފުނި ތަކުގެ ތެރެއިން އެންމެ ގިނަ ދާއިރާތަކަކުން އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާ ކުރަމުން އަންނަ ކުންފުނިކަން ފާހަގަ ކުރައްވައި އާދިލް ވިދާޅުވީ، އެ ކުންފުނީގައި 2800 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު 1000 އަށްވުރެ ގިނަ މުވައްޒަފުންނަކީ އެ ކުންފުނީގައި ވަޒީފާ އަދާކުރާތާ 10 އަހަރުވެފައިވާ މުވައްޒަފުން ކަމަށެވެ.

comment ކޮމެންޓް