ވަކިން ލޯބިން އައްޑޫގައި ވެސް އަޅުވާނެ!

ވަކިން ލޯބިން ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ފުރަތަމަ ގެނެސްދޭ ފިލްމު "ވަކިން ލޯބިން" އައްޑޫ ސިޓީގައި ވެސް ދެއްކުމަށް ހަމަޖެހިއްޖެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފިލްމު އައްޑޫ ސިޓީގައި އަޅުވަން ފަށާނެ ކަމަށެވެ. މީދޫ އެފްއެމްޑީގައި އެއް ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ މަރަދޫ ބޮންޑޯގްގައި ތިން ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޮގާ ބުންޏެވެ.

މޮގާ ބުނީ އައްޑޫ ސިޓީގެ ޝޯވްތަކަށް މިހާރު ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ވަކިން ލޯބިން ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދުވަހު ހދ. ކުޅުދުއްފުށީގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މާޗް އަށް ވަނަ ދުވަހު އެ ފިލްމު ހދ. ހަނިމާދޫގައިވެސް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މޮގާ ބުންޏެވެ.

މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ "ވަކިން ލޯބިން"ގެ ޓިކެޓް މިހާރު ވަނީ އޮލިމްޕަހުގައި ވިއްކަން ފަށައިފައެވެ.

"މަލިކާ"އިން ތައާރަފްވި ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރި އެ ފިލްމަކީ މުހިއްމު މެސެޖެއް އަންގައިދޭ ފިލްމެކެވެ. އަދި މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށާއި ފިލްމަކީ ރާއްޖޭގައި އާއިލާތަކުގައި ހިނގާ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް ޕްރޮޑިއުސަރު މޮގާ ބުނެއެވެ.

comment ކޮމެންޓް