ގާސިމްގެ ދަރިކަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި: ފުލުހުން

އިބްރާހިމް ސިޔާދު ގާސިމް: އޭނާ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައި ---

ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މިރޭ ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސިޔާދު ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި އެ މައްސަލާގައި ޖުމްލަ އަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، މި މައްސަލާގެ ތަހުގީގަށް ހައްޔަރު ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އަބްދުﷲ ސައީދު، އަލީ ހަމީދު މުހައްމަދު، ހަސަން ސައީދު ހުސައިން، އިބްރާހިމް ސިޔާދު ގާސިމް، ފާތިމަތު ނާސިރާ، އަހުމަދު ފާރިސް މައުމޫން، އަބްދުﷲ ސިނާން. އަދި މި މައްސަލާގައި ގއ. ގެމަނަފުށި އޯކިޑްމާގެ، އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުން." ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަގެ ތަހުގީގަށް 30 މީހަކާ ސުވާލު ކޮށްފައިވާނެ ކަމަށާއި އެ މައްސަލައާ ގުޅޭ ހެކި ހޯދުމަށް 15 ތަނެއް ބަލާ ފާސްކޮށްފައިވާނެކަމަށެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ބޭފުޅުން ރާއްޖެއިން ބޭރުން އަގުބޮޑެތި މުދާގެ ގޮތުގައި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީންވާ ވަރަށް ކިތާބީ ހެކި ވަނީ ލިބިފައިވާ ކަމަށެވެ.

ވިލާ ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ސިޔާދު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް