ވިހި އަހަރުން ދަށުގެ އެފް އޭ ކަޕްގައި ވިކްޓަރީއިން ކުލަބް އީގަލްސްގެ މައްޗަށް 4-3 ލަނޑުން މެޗް ކާމިޔާބުކުރުމަށްފަހު ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މެޗްގެ ހަވަނަ މިނެޓްގައި އީގަލްސްއަށް އިބްރާހިމް މުއީން އަހުމަދު ރަޝީދު ލީޑް ހޯދައިދިން ނަމަވެސް އޭގެ ހަމިނެޓްފަހުން ވިކްޓަރީގެ ހުސެއިން ޝިފާހް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗްގެ 36 ވަނަ މިނެޓްގައި އިބްރާހިމް ރަޝީދު ވަނީ އިތުރު ލަނޑެއް ވިކްޓަރީއަށް ކާމިޔާބުކޮށްދީ ފުރަތަމަ ފަހަރަށް ލީޑް ހޯދައިދީފަ އެވެ.
މެޗްގެ 61 ވަނަ މިނެޓްގައި ޒައިދު ޝަރީފް އީގަލްސްއަށް މެޗުގެ ނަތީޖާ 2-2 ލަނޑަށް ހަމަހަމަކޮށްފައިވަނިކޮށް މެޗްގެ 70 ވަނަ މިނެޓްގައި ޖުހާން ޒާހިރުވަނީ ވިކްޓަރީއަށް އަލުން ލީޑް ހޯދައިދީފަ އެވެ. ވިކްޓަރީއިން ހޯދި ލީޑް ހިފަހައްޓާލެވުނީ އެންމެ ފަސް މިނެޓަށެވެ. މެޗްގެ 75 މިނެޓްގައި ހުސެއިން ލަތީފު އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު މެޗް ނިމެން ދެމިނެޓަށްވެފައިވަނިކޮށް ވިކްޓަރީގެ ޝައްމޫން ނަސީރު އެޓީމަށް ތިންޕޮއިންޓް ކަށަވަރުކޮށްދިނެވެ.
ގްރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތްޕޮއިންޓާއެކު ވިކްޓަރީ ސެމީ ފައިނަލަށް ދަތުރުކުރިއިރު މިގްރޫޕްގައި މިރޭ ނިއުއާއި އޭވައިއެލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް މިގްރޫޕުގެ ސެމީފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުވާނެ އެވެ. މިވަގުތު އީގަލްސްއިން ތާވަލުގެ ދެވަނައިގާ ވީނަމަވެސް އެޓީމަށް ދެވަނަ ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.