ކުރީގެ ނައިބު ރައީސް ޖަމީލް، މަލީހު އަދި އަމީން ޖޭޕީއާ ގުޅިއްޖެ

ކުރީގެ ނައިބު ރައީސް ޖަމީލް ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމާ ސަލާމްކުރައްވަނީ ---

ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސް މުހައްމަދު ޖަމީލާއި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

އެ ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޖަރުމަންގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑރ. ޝާހް މާހިރު ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ހަތަރު ބޭފުޅުންނަށް މަރުހަބާ ދަންނަވާފައެވެ.

ކުރީގެ ނައިބް ރައީސް ޖޭޕީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޖޭޕީ

ޖޭޕީއަށް ސޮއިކުރެއްވީ ޖަމީލް ވިދާޅުވިގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެއްވާނެ ލީޑަރެއްކަމަށް ގަބޫލުކުރެވޭތީއެވެ.

"މިއަދު ދިވެހު ގައުމު އެދި ގޮވަނީ ރީތި އަހްލާގާއި މަތިވެރި އުސޫލުތަކުގެ މައްޗަށް ތަބާވެ ވެރިކަން ކުރާނެ ވެރިއެއް،" ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ޔޫތު މިނިސްޓަރު މަލީހް ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ގާސިމްއާ ސަލާމް ކުރައްވަނީ --- ފޮޓޯ: ޖޭޕީ

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަލީހް ވިދާޅުވީ އެ ބޭފުޅުންގެ ޓީމު ޖުމްހޫރީ ޕާޓީއާ ގުޅުނީ ވަރަށް ގިނަ ކަންތައްތަކަށް ވިސްނާފައި ކަމަށާއި އެ ބޭފުޅުންގެ މަގުސަދަކީ މި އަހަރުގެ އޮންނަ ރިޔާސީ އިންތިހާބް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ކާމިޔާބުކޮށްދިނުން ކަމަށެވެ.

"އެމަގަށް އެކަންތައް ގެންދިއުމަށްޓަކައި އަޅުގަނޑުމެން އިންތިހާއަށް މަސައްކަތް ކުރާނަން. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުން ވެސް ތިބީ އެކަމަށް ކެއް މަދުވެފައި،" މަލީހް ވިދާޅުވިއެވެ.

ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަމީން ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ގާސިމްއާ ސަލާމް ކުރައްވަނީ --- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޖަމީލްގެ ޓީމުން ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބްގައި ދިވެހިންނަށް ހެޔޮބަދަލެއް ގެނެވޭނެ ޕްލެޓް ފޯމަކަށް ވެގެންދާނީ ޖުމްހޫރީ ޕާޓީކަން ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެގޮތުގެ މަތިން މަސައްކަތް ކުރެއްވުމަށް ޖަމީލްގެ ޓީމުން ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް