ތައުލީމީ ގޮތުން ދުނިޔޭގެ އެއްވަނަ، ފިންލޭންޑުގެ ސްކޫލެއް މާލެ އަދި ހުޅުމާލޭގައި ހުޅުވަނީ

ރާއްޖޭގައި ފިންލޭންޑް އިންޓަނޭޝަނަލް ދެ ސްކޫލެއް ހުޅުވުމުގެ އެއްބަސްވުމުގައި އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓާ އަދުލީ އަދި އެޑުކްލަސްޓާ ފިންލޭންޑްގެ ޑައިރެކްޓާ ރީކާ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެންމެ ފެންވަރު ރަގަނޅު ތައުލީމެއް ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާ ފިންލޭންޑް އެޑިއުކޭޝަންގެ ބައިނަލްއަގްވާމީ ސްކޫލެއް މާލެ އަދި ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުޅުވާ އެ ދެ ވެގެންދާނީ އޭޝިއާ ސަރަހައްދުގައި ހުޅުވާ ފިންލޭންޑުގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލަށެވެ.

އެ ދެ ސްކޫލް ހިންގާނީ ފިންލޭންޑުގެ ތައުލީމު ފުޅާކުރުމަށް މަސައްކަތްކުރާ އެޑިއުކުލަސްޓާ ފިންލޭންޑާއި ދިވެހިންގެ އިތުބާރު ހޯދާފައިވާ ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގަމުން އަންނަ އެޑިއުކަނެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

އަދި އެ މަސައްކަތް އަމަލީ ގޮތުން ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑުކުލަސްޓާ ފިންލޭންޑުގެ ދެ ލީޑް އެކްސްޕާޓުން ކަމަށްވާ މިސް ސީނީ ޕާމް އަދި ޕާސީ އިކޮނެން ފިންލޭންޑުގެ ތައުލީމާ ބެހޭގޮތުން ހާޒިރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްބަސްވުމުގައި އެޑިއުކުލަސްޓާ ފިންލޭންޑުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ރީކާ ހަސީ އެވެ. އަދި އެޑިއުކަނެކްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދެވެ.

މާލޭގައި ހުޅުވާ ފިންލޭންޑް އެޑިއުކޭޝަން ސްކޫލާ ގުޅޭގޮތުން އަދްލީ ވިދާޅުވީ، މާލޭގައި ހުޅުވާނީ މިހާރު ވެސް ޕްރައިމަރީއަށް ކިޔަވައިދެމުން އަންނަ ސްކޫލެއް ފިންލޭންޑް އެޑިއުކޭޝަންގެ ކަރިކިއުލަމްއަށް ބަދަލު ކޮށްގެންނެވެ.

ނަމަވެސް އެއީ މާލޭގެ ކޮން ސްކޫލެއް ކަމެއް އަދްލީ ވިދާޅެއްނުވެ އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވަން ހަމަޖެހިފައިވާ މާލޭގެ ސްކޫލްގެ ކަންތައް ކުރިއަށްދާނީ ހަތަރު މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ މަރުހަލާގެ ދަށުން ބަދަލުކުރާ ސްކޫލުގެ ކަރިކިއުލަމް އާއި ސިސްޓަމް އެޑުކުލަސްޓާގެ ބޭފުޅުން ދިރާސާ ކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު އެބޭފުޅުން އެނބުރި ގައުމަށް ވަޑައިގަނެ އެއްކުރި މައުލޫމާތުގެ މައްޗަށް ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަދުލީ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ވަނަ މަރުހަލާގައި ދާނީ އެޑުކުލަސްޓާގެ ބޭފުޅުން ރާއްޖޭގައި ހަ މަސް ހޭދަ ކުރައްވާނެ ކަމަށާއި އެ ހޭދަ ކުރައްވާ ދުވަސްތަކުގައި ވަކިން ކަރިކިއުލަމް އެއް ބައްޓަންކޮށް އެކަމަށް ބޭނުންވާ ދިވެހި ޓީޗަރުން ތަމްރީން ކުރުމާއި ފިންލޭންޑުން ޓީޗަރުން ރެކްރޫޓް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލޭގައި ގާއިމްކުރާ ފިންލޭންޑް ސްކޫލުގެ އެއްބަސްވުމުގައި އައިލެންޑާސް އެޑިއުކޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ވެސް ވަނީ އެއްބަސްވެފައެވެ.

އެޗްޑީސީއާއެކު ސޮއިކުރި އެއްބަސްވުމަކީ ފިންލޭންޑް އެޑިއުކޭޝަންގެ ސްކޫލެއް ތަރައްގީކުރަން ބިން ހަމަޖެހުނުގެ ކަމުގެ އެއްބަސްވުމެވެ. އެއްބަސްވުމުގައިވާ ގޮތުން ހުޅުމާލޭގައި ގާއިމްކުރާ ސްކޫލް ހިންގަން އައިލެންޑާސް އެޑިއުކޭޝަނަށް ދީފައިވަނީ 25 އަހަރަށެވެ.

އަދްލީ ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ސްކޫލަކީ އަލަށް އިމާރާތްކުރާ ތަނެއް ކަމަށެވެ. އަދި އެޗްޑީސީއާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތަށް ކަންތައްތައް ކުރިއަށްދާނަމަ ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް މަސް ދުވަހުގެ ތެރޭގައި ސްކޫލް އިމާރާތް ކުރުމުގެ ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމްކޮށް 2020 ވަނަ އަހަރު ހުޅުވާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލު އަޅަން ބިން ހަމަޖެހުނުކަމުގެ އެއްބަސްވުމުގައި އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަދި އެޗްޑީސީގެ އެމްޑީ ސައިމަން ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ސްކޫލް ފުރަތަމަ ވެގެންދާނީ ޕްރީ ސްކޫލް އަދި ޕްރައިމަރީ ސްކޫލަކަށް. އަދި ކުދިން ލިބޭ ވަރަކުން ކުރިއަށް އޮތް އަހަރުތަކުގައި ގްރޭޑް 12 އާހަމައަށް ކިޔަވައިދެމުންދާނެ. ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލުގެ ޑިޒައިން ވެސް ތަފާތު ވާނެ. ކަރިކިއުލަމްގެ އިތުރުން ތަފާތު ފެސިލިޓީއަކަށް ވެސް ވެގެންދާނެ،" އަދްލީ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުޅުވާ ފިންލޭންޑް އެޑިއުކޭޝަންގެ ސްކޫލް ހުޅުވަން ހަމަޖެހިފައިވަނީ 2020 ގައެވެ.

އޭނާ ވިދާޅުވީ، ފިންލޭންޑް އެޑިއުކޭޝަންގެ ކަރިކިއުލަމްއާއެކު ދެ ސްކޫލެއް ރާއްޖޭގައި ހުޅުވި ނަމަވެސް ކަރިކިއުލަމް ބައްޓަން ކޮށްފައި ހުންނާނީ ރާއްޖޭގެ ގައުމީ ކަރިކިއުލަމްގައި ހިމެނޭ ދިވެއްސާއި އިސްލާމްގެ އިތުރުން ޤުރުއާނާއި އަރަބި ބަސް ހިމަނައިގެން ކަމަށެވެ.

އަދި ރާއްޖޭގައި ކިޔަވައިދޭ ކަރިކިއުލަމް ވެގެންދާނީ ރާއްޖެއަށާއި ދިވެހި ދަރިވަރުންނަށް ފައްތައިގެން ތައްޔާރުކުރާ ކަރިކިއުލަމް އަކަށް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް