ބޭނުންވަނީ އިސްކޯގެ ކެރިއަރު ރެއާލްގައި ނިންމާލަން: ޒިދާން

ރެއާލް މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު އިސްކޯ ---

އިސްކޯ އަލެކްރަންއަކީ ރެއާލްއަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، ބޭނުންވަނީ އޭނާގެ ކެރިއަރު އެއްކޮށް ރެއާލްގައި މަޑުކުރުވަން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށް އިސްކޯ ދާން އުޅޭކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވާއިރު ޒިދާންވަނީ އެކަން ދޮގުކޮށްފައެވެ.

ޒިދާން ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އޭނާ ފުރިހަމައަށް އިތުބާރު ކުރާކަމަށާއި، އޭނާގެ އުސޫލަކީ މިހާރު ތިބި ކުޅުންތެރިންނަށް އިތުބާރުކޮށް ކުރިއަށް ދިޔުން ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން ޓީމުގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާނަމޭ. އެގޮތުގައި އަބަދުވެސް ހުންނާނީ. އޭގެ ތެރެއިން އިސްކޯއަކީވެސް މުހިންމު ކުޅުންތެރިއެއް. އިސްކޯވަނީ ކުރިންވެސް އޭނާގެ ފެންވަރު ސާބިތުކޮށްދީފައި. އަދިވެސް އޭނާ އެކަން ސާބިތުކޮށްދޭނެ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ އިސްކޯ ފޮނުވާލަން އޭނާ ބޭނުންވާ ކަމަށް ބުނެ މީޑިއާތަކުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެވާހަކަތައް މީޑިއާއިން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަހަރެން ބޭނުންވޭ އިސްކޯގެ މުޅި ކެރިއަރު ރެއާލްގައި ހޭދަކުރަން. އިސްކޯ ވިއްކާލަން ބޭނުންވާ ކަމަށް ބުނެ ހަދަނީ ދޮގު. އެވާހަކަތައް ހުއްޓާލަން ޖެހޭ. އުންމީދުވެސް ކުރަން އެފަދަ ވާހަކަތައް ނުދައްކާނެ ކަމަށް،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ޓީމުގެ ސްކޮޑުގައި ހިމެނޭ 25 ކުޅުންތެރިންނަކީވެސް މުހިންމު ކުޅުންތެރިން ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ހުރިހާ މެޗަކު ނުކުޅޭނެ ކަމަށެވެ. އަދި ހުރިހާ މެޗެއްގައި ނުކުޅެވުނަސް އޭގެ މާނައަކީ އެ ކުޅުންތެރިޔަކު ޓީމަށް ބޭނުން ނުވަނީ ނޫން ކަމަށްވެސް ޒިދާން ފާހަގަކުރިއެވެ.

ޒިދާންއާއެކު ރެއާލްވަނީ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެ ދެ ސީޒަންގައިވެސް އިސްކޯވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މި ސީޒަންގައި ރެއާލްއަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު، ޔޫރަޕުގެ ގިނަ ކްލަބުތަކަކުން އިސްކޯ ގަތުމަށް ޝައުގުވެރުކަން ފާޅުކޮށްފައި ވެއެވެ.

comment ކޮމެންޓް