ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން މިއަދު ވަނީ ސިނާނާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހޯދަން އިއުލާނު ކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިނާން ވަނީ މިއަދު ހަވީރު 5:30 އެހައިކަންހާއިރު، ފުލުހުންނާ ހަވާލުވެފައެވެ. މިހާރު އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.
ސިނާން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ސިނާން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
ސިނާން ބަންދުގައި ބަހައްޓަން ފުލުހުންނަށް ފެންނަ ސަބަބުތައް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އެ އަމުރުގައިވާގޮތުން ސިނާން ހައްޔަރު ނުކޮށް ބަހައްޓައިފިނަމަ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ފެނެއެވެ. އަދި ބަންދުން ދޫކޮށްލާފައި ބެހެއްޓުމަކީ މައްސަލައިގެ ހެއްކަށް ނުފޫޒުފޯރުވައި، ހެކި ނައްތާލުމަށް ސިނާނަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް އެ އަމުރުގައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމް އާއި ސިނާން މާލެ ވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. ހުކުމަށްފަހު ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފައެވެ.
އިލްހާމާއި ސިނާން އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.