ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ފޮނުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޑިފެންސް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބައެއް ފަރާތްތަކުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެ ފަދަ ފަރާތްތަކާ މެދު އިތުރު އިންޒާރަކާ ނުލައި ފިޔަވަޅު އަޅާނެ ކަމަށް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީި މިނިސްޓްރީ އިން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ދާދި ދެންމެ އަކު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ "ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ފަތުރާ މައުލޫމާތާއި ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ގައުމުގެ އަމަންއަމާންކަން ގެއްލޭ ފަދަ ގޮތްގޮތަށް، މައުލޫމާތު ފަތުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައި"ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ އެ ފަދަ ކަންކަމަކީ ކަންބޮޑުވާ ކަންކަމަށާއި އެހެން ކަމުން އެފަދަ ގައުމީ ސަލާމަތާއި އަދި ސިފައިންގެ ވާޖިބަށް ހުރަސް އެޅޭ މައުލޫމާތު ފެތުރުން ވަގުތުން ހުއްޓާލުމަށް ނަސޭހަތްތެރިވެ އިންޒާރުދޭ ކަމަށެވެ.

"ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މަޢުލޫމާތާއި ކޮންޓެންޓް ހާމަކުރާ ފަރާތްތަކާ މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެކަން އަންގަން،" ޑެފެންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ގައުމުގެ ހައްގުގައި ގައުމުގެ އަމަން އަމާންކަން ދެމެހެއްޓުމުގައި ސިފައިން ދެމި ތިބޭނެ ކަމަށެވެ.

comment ކޮމެންޓް