ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރި ފިލްމު "ދެވަންސޫރަ" ރޭ ރިލީޒްކޮށްފައިވާއިރު ބެލުންތެރިން ބުނަނީ ފިލްމަކީ މޮޅު އަދި ތަފާތު ފިލްމެއް ކަމަށެވެ.
އަހަރުގެ ފުރަތަމަ ފީޗާ ފިލްމުގެ ގޮތުގައި އޮލިމްޕަސް ސްކްރީނަށްއައި އެ ފިލްމު ލޯންޗް ކުރީ މަޝްހޫރު ބަތަލު އަލީ ސީޒަން އެވެ. އިއްޔެ އަކީ ސީޒަންގެ އުފަންދުވަސް ކަމުން ޕްރިމިއާ ޝޯވްގައި ދެވަންސޫރަގެ ޓީމު އަދި ބެލުންތެރިންނާ އެކީ ސީޒން ވަނީ ކޭކު ވެސް ފަޅާފައެވެ.
ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން އެ ފިލްމަކީ ފުރިހަމަ ފިލްމެކެވެ.
ފިލްމު ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަވާ ފަދައިން ފިލްމަކީ ބުރަ މަސައްކަތެއް ކޮށްފައިވާ ވަރަށް ވެސް ތަފާތު ފިލްމެކެވެ.
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރިޕްޓް ލިޔެ ޑައިރެކްޓް ކުރި ފިލްމެކެވެ. ފިލްމަކީ ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން ފިލްމެކެވެ. ކުށްތަކާއި ތަހުގީގުތަކެއް ދައްކުވައިދޭ އެ ފިލްމަކީ މަރެއްގެ ހަގީގަތް ހޯދުމަށް ކުރަމުންދާ ތަހުގީގުގެ މަރުހަލާ އެވެ. އަންހެން ކުއްޖަކު ރަހުމު ކުޑަ ގޮތަކަށް މަރާލައިފައި އޮތް މަންޒަރު ފުލުހުންނަށް ފެނުމާއެކު ޝައްކު ކުރެވޭ މީހަކު ހައްޔަރުކުރެއެވެ. ކުޑައިރު ދިމާވި ކަމަކުން ޔޫއްޕެ (ޝިޔާން) ނަފްސާނީ ގޮތުން ކުރާ އަސަރާ، އެކަމުން އަރައިގަތުމަށް ގިރާކުރާ ގޮންޖެހުންތައް ދައްކުވައިދެއެވެ. މުޖުތަމައުގައި ހިނގާ ކަންތައްތައް ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭ އެ ފިލްމުގެ ތަހުގީގަށް ދަތި އުނދަގޫ މަރުހަލާތައް ކަނޑައްތު ކުރަމުން ގޮސް އަންހެން ކުއްޖާގެ އަސްލު ގާތިލް ހޯދައެވެ. ހީނުކުރާ ކަންތައްތަކެއް ފިލްމުން ދައްކުވައިދޭ އިރު ފިލްމަށް ގެންނަ ޓްވިސްޓަކީ ފިލްމުގެ އަސްލެވެ.
ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލާ މަރިޔަމް ޝިފާ އާ މެދު ޔޫއްޕެ ބުނީ ދާއިރާ އިން ކުރިއަށްދެވޭނެ، ހުނަރު ހުރި ކުއްޖެއް ކަމަށެވެ. "ރަނގަޅު ގޮތުގަ މި ދާއިރާ އިން ކުރިއަށް ދާން މަސައްކަތް ކުރާނަމަ މުސްތަގުބަލެއް އޮތް ކުއްޖެއް އެއީ،"
'ދެވަންސޫރަ' ރިލީޒްކުރުމަށް ރޭ ބޭއްވި ޕްރިމިއާ ހަފްލާގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ އެ ފިލްމަކީ އާ ސްޓައިލް އަކަށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށާއި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ގޮތަކަށް ބަށްޓަން ކުރެވިފައިވާ ފިލްމެއް ކަމަށެވެ.
ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ތަރިންނަށް ސާބަހެވެ. ކުރިން ނުފެންނަ ރޯލުތަކުން ހުރިހާ ފަންނާނުން ފެނިގެންދިޔައިރު އެކަމުގެ ސަބަބުން ފިލްމުގައި ހަރަކާތްތެރިވި އެންމެންގެ ކުޅަދާނަ ކަން ފެނިގެން ދެއެވެ.
މިއީ ދިވެހި ސިނަމާތަކުން އާންމުކޮށް ނުފެންނަ ޖޯންރާގެ ފިލްމެކެވެ. 'ދެވަންސޫރަ' އާ އެކީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.