ކުއްލި ނުރައްކަލުގައި ހައްޔަރު ކުރާ މީހުންގެ ހައްގުތައް ހަނިކުރެވޭ ގޮތަށް ރައީސް ހަމަޖައްސައިފި

ފެބްރުއަރީ 3، 2018: ރައީސް ޔާމީނާއެކު ދިވެހި ރައްޔިތުން ތިބިކަން ހާމަކުރުމަށް ޕީޕީއެމުން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރާ މީހުންގެ ހައްގުތައް ހަނިކުރެވޭ ގޮތަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަމަޖައްސައިފިއެވެ.

ރޭ ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓުގައި ވަނީ މިއަދު ޝާއިއު ކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސް ޔާމީން ހިފަހައްޓާފައިވަނީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ)، (ނ) އަރި (ރ)އެވެ. އެއީ ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކުގެ ގޮތުގައި ބަޔާން ކޮށްފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ފިޔަވައި އެހެން ހުރިހާ ހައްގުތަކެވެ.

ބަންދުގައި ތިބޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފައި

  • އެ ހައްގުތައް ހިފެހެއްޓުމާއެކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާކަށް ނުޖެހޭނެ.
  • އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރެވުނު ސަބަބު ލިޔުމުން އެމީހަކަށް އަންގާކަށް ނުޖެހޭނެ.
  • ހަނުހުރުމުގެ ހައްގު ވަނީ ނިގުޅައިގެންފަ.
  • ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނުގެ މަތިންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށް ނުޖެހޭނެ.
  • ޝަރުތުތަކާއެކު ނުވަތަ ޝަރުތާނުލައި އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަކަށް ލިބިގެންނުވޭ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށެވެ.

ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ (ހ)

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

comment ކޮމެންޓް