އަބްދުﷲ ސައީދު ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ ތަން ބަލާކަށް ނުތިބޭނަން: އަދުރޭ

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެމަނިކުފާނުގެ ބާރުން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާތަން ބަލަން ނުތިބޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުން ބޭނުންހާ އެއްޗެއް ހަދަންދެން ނުތިބޭނެ ކަމަށެވެ.

"އަބްދުﷲ ސައީދުގެ ބާރުން މުޅިގައުމު ހަލާކުގެ ތެރެއަށް ވައްޓާލަންދެން އަޅުގަނޑުމެނ ކުރަންޖެހޭ ކަމެއް ނުކޮށެއް ނުތިބޭނަން. ވަރަށް ކެރިގެން މިއަދު މިވާހަކަ މިދައްކަނީ. ކޮންމެ އަމުރެއް އަޅުގަނޑުމެންގެ މައްޗަށް ނެރުނަސް ހެޔޮކަމަށް މިވާހަކަ މިދައްކަނީ،" އަދުރޭ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ތުހުމަތު ތަކެއް އަދުރޭ ވަނީ ކުރައްވާފަ އެވެ.

"ތިމާ ތަންްތަނުން ފްލެޓް ގަނެފައި ތިމާ ތަންތަނަށް ދަތުރުކޮށްފައި ތިމާގެ ޖީބު މުއްސަނދި ކޮށްފައި ނަގާފައި ހުރި ފްލެޓްތަކާއި ހޯދާފައި ހުރި ފައިސާތަކާއި ހިންގާފައި ހުރި ކޮރަޕްޝަނުގެ އަމަލުތަކުގެ ތަހުގީގު ފެށިދާނެތީ އެކަމާ ކަންބޮޑުވެގެން މިއުޅެނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވަނީ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. "އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަން ވީނުންތޯ ހިމާޔަތްދީފަ ތިބި މީހުން ކައިރިއަށް،" އަދުރޭ ވިދާޅުވި އެވެ.

ފަހަތަށް ނުޖެހޭނެ ކަމަށާއި ޕީޕީއެމްގެ ސަރުކާރު ބަލި ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން އިސްތިއުފާއެއްވެސް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް