މެކްސިކޯ އިން އެމެރިކާއަށް ދާން އޮތް ލޮރީއަކުން 200 މީހުން ފެނިއްޖެ

މެކްސިކޯ އިން ވަނީ 200 މީހުން ތިބި ލޮރީއެއް ފެނިފައި -- ފޮޓޯ: އީޕީއޭ

މެކްސިކޯ ސިޓީ (ފެބްރުއަރީ 4): ލިޔެކިޔުންތަކާ ނުލައި ލޮރީއަކަށް ލައިގެން އެމެރިކާއަށް ވައްދަން މަސައްކަތް ކުރި 200 މީހަކު މެކްސިކޯ އިން ފެނިއްޖެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެލޮރީ ފެނިފައި ވަނީ އެމެރިކާގެ ޓެކްސަސްގެ ދެކުނުގައި އޮންނަ މެކްސިކޯގެ ޓަމައުލިޕަސް ސްޓޭޓުންނެވެ. އަދި އެލޮރީގައި ގިނަ އަދަދެއްގެ މީހުން ތިބިކަން އެނގުނީ ފުލުހުންގެ ޗެކްޕޮއިންޓެއް ކައިރިން ދިޔަ އިރު ސްކޭން ކުރުމުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މެކްސިކޯ އިން ބުނި ގޮތުގައި އެ ލޮރީގައި މީހުން ބައިތިއްބާފައި ވަނީ ފެނާއި ކާނާ އާއި ވެންޓިލޭޝަނާ ނުލަ އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ނިސްބަތް ވަނީ ގުއަޓެމާލާ، ހޮންޑޫރާސް އަދި އެލް ސެލްވަޑޯއަށް ކަމަށާއި އޭގެ ތެރޭގައި ބެލެނިވެރިއަކު ނެތް 24 ކުޑަކުދިން ހިމެނޭ ކަމަށް ވެސް މެކްސިކޯއިން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އެގައުމުން ވަނީ އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، ލޮރީގައި ތިބި މީހުން ދޫކޮށްލާފައި އެވެ.

މިދިޔަ އަހަރު އެމެރިކާގެ ވެރިކަމަށް ވަޑައިގަތް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމަށް ގާނޫނާ ހިލާފަށް އެތެރެވާ މީހުންގެ އަދަދު މަދު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތުގެ ދަށުން އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް އަމުރު ކުރައްވާފައި އެވެ. (ބީބީސީ)

comment ކޮމެންޓް