ބަޓިސް ވޮލީއާ ދުރަށް، ގައުމު ތަމްސީލު ކޮށްދެވުމަކީ ލިބުނު ޝަރަފެއް!

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ބަޓިސް ތަށްޓާއެކު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ކުރި އިޝާން މުހައްމަދު (ބަޓިސް)އަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ސެޓަރެވެ. 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އައި ބަޓިސްވަނީ ރާއްޖޭގެ އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕު ފަދަ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށް، ގިނަ ފަހަރެއްގެ މަތިން މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ބަޓިސްވަނީ ހޯދާފައެވެ.

ގައުމީ ވޮލީ ޓީމުގެ ކެޕްޓަން ބަޓިސް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އޭޕްރީލް މަހުގެ 16 އިން 23ގެ ނިޔަލަށް ބަނގުލަދޭޝްގައި ބާއްވާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތަށް ނެގި ގައުމީ ސްކޮޑުގައި މަޝްހޫރު ބައެއް ކުޅުންތެރިން ހިމެނިފައިނުވާއިރު، ބަޓިސްވެސް ހިމެނިފައެއް ނުވެއެވެ. އޭގެ ސަބަބުން ބަޓިސްގެ ނިންމުމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނިކޮށް އޭނާ މިވަނީ ވޮލީ ބޯޅައިން ރިޓަޔާ ކުރިކަން އިއުލާންކޮށްފައެވެ.

'ސަން ސްޕޯޓްސް' އަށް މައުލޫމާތުދެމުން، ބަޓިސް ބުނީ މިވަގުތު ކަންތައްތައް ހުރިގޮތުން ވޮލީ ބޯޅައަށް ވަގުތު ދެވެން ނެތް ކަމަށާއި، ވޮލީ ބޯޅައާ، އެއްކޮށް ދުރަށް ޖެހިލަން ބޭނުންވާ ކަމަށެވެ. އަދި މި ނިންމުމާ ދޭތެރޭ ތަންކޮޅެއް ކުރިން ފެށިގެންވެސް ވިސްނަމުން އައި ކަމަށާއި، ރާއްޖޭގެ ވޮލީއަށް އެކަށީގެންވާ ވަރަށް ހިދުމަށް ކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށްވެސް ބަޓިސް ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ތުރުކުމަނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަޓިސް ބުނީ ގައުމީ ޖާޒީގައި ރާއްޖެ ތަމްސީލުކޮށްލުމަކީ ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް އޭނާ ކޮށްދިން ހިދުމަތުގެ އަގު އެންމެ އެކަށީގެންވާ ގޮތެއްގައި ބައެއް މީހުން ވަޒަން ނުކުރާ ކަމަށްވެސް ބަޓިސް ފާހަގަކުރިއެވެ.

ބަޓިސް ބުނީ ގައުމީ ޓީމާއެކު ހޭދަކުރި 13 ވަރަކަށް އަހަރު ތެރޭގައި އެންމެ ހަނދާނުން ފޮހެލަން ދަތި ހަނދާނަކީ ރީޔޫނިއަންގައި 2015 ވަނަ އަހަރު ކުޅުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްކަމަށެވެ. ބަޓިސްގެ ކެޕްޓަން ކަމުގެ ދަށުގައި ރާއްޖެވަނީ އެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ބަޓިސްވަނީ ގައުމީ ޓީމާއެކު އޭޝިއަން ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލްވެސް ހޯދާފައެވެ. އަދި 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ މުބާރާތުގެ ތިންވަނަ ހޯދި ޓީމުގެ ކެޕްޓަނަކީވެސް ބަޓިސްއެވެ.

comment ކޮމެންޓް