މާލޭގެ ދެވަނަ ދުވާ ސިޑިއާ އެކު އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވައިފި

އެސްޓީއޯ އިލެކްޓްރޯނިިކްސް ޝޯރޫމްގައި ބެހެއްޓި އެސްކަލޭޓަރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް، ގިނަ އަހަރުތަކަކަށް ފަހު އަލުން ހުޅުވައިފިއެވެ.

އެސްޓީއޯއިން 1993 ވަނަ އަހަރުން ފެށިގެން އުމަރު ޝޮޕިންގް އާކޭޑު އިމާރާތުގައި "އެސްޓީއޯ އިލެކްޓްރޯނިކްސް"ގެ ނަމުގައި ފިހާރައެއް ވަނީ ހިންގައިފައެވެ. ނަމަވެސް ފަހުން އިލެކްޓްރޯނިކްސްގެ ޕްރޮޑަކްޓްތައް ވިއްކީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓަށެވެ.

އެސްޓީއޯ އިލެކްޓްރޯނިިކްސް ޝޯރޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމަރު ޝޮޕިންގް އާކޭޑު ބިމުގައި ހުރި އިމާރާތް ތަޅާލައި، މިހާރު އަޅާފައިވާ 10 ބުރީގެ "ސިޓީ ސްކޮއާ" އިމާރާތުގައި މިރޭ ވަނީ އެސްޓީއޯ އިލެކްޓްރޯނިކްސްގެ އާ ޝޯރޫމެއް ހުޅުވައިފައެވެ.

ގިނަ އަހަރުތަކަކަށް ފަހު އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވި އިރު، އެތަން ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދެވެ.

އެސްޓީއޯ އިލެކްޓްރޯނިިކްސް ޝޯރޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް މިރޭ ހުޅުވި އިރު، އެތަން ޑިޒައިންކޮށްފައިވަނީ ވަރަށް ޒަމާނީ ގޮތަކަށެވެ. އަދި މާލޭގައި ބެހެއްޓޭ ދެވަނަ އެސްކަލޭޓަރުވެސް އެތަނުގައި ވަނީ ބަހައްޓާފައެވެ. މިހާތަނަށް މާލޭގައި އެސްކަލޭޓަރެއް ބަހައްޓާފައި ހުންނަނީ ލެކިއުޓް ފްލެގްޝިޕް ފިހާރައިގައި އެކަންޏެވެ.

މިރޭ އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް ހުޅުވައިދެއްވަމުން، އެސްޓީއޯގެ ޗެއާމަން ސާލިމް ވިދާޅުވީ އެސްޓީއޯއިން އިލެކްޓްރޯނިކްސް ވިއްކުމަށް އަލުން ފަށަނީ އެކަމުގެ ތަޖުރިބާގެ އިތުރުން ގިނަ ޚިދުމަތްތަކަކާ ވެސް އެކުގައި ކަމަށެވެ.

އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެސްޓީއޯގެ މަގުސަދަކީ ރައްޔިތުންނަށްގިނަ ދުވަހަށް ބޭނުންކުރެވޭ، ފެންްވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެސްޓީއޯ އިލެކްޓްރޯނިކްސްގެ މުދާ ގެއަށް ޑެލިވަރ ކޮށްދެވޭނެ އިންތިޒާމެއްވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސްގައި، އެސްޓީއޯއިން ވިއްކާ އެކި ބްރޭންޑްތަކުގެ އިލެކްޓްރޯނިކްސް ވިއްކަން ހުރެއެވެ. އޭގެ ތެރޭގައި ހިޓާޗީ، ފިލިޕްސް، ޑެލް އަދި ޖޭބީއެލް ބްރޭންޑުގެ ތަކެތި ހިމެނެއެވެ.

ޝޯރޫމް ހުޅުވުމާ އެކު، އެސްޓީއޯ އިލެކްޓްރޯނިކްސްއިން ވަނީ "ހެލޯ އިލެކްޓްރޯނިކްސް"ގެ ނަމުގައި މިއަދުން ފެށިގެން މި މަސް ނިމެންދެން ކުރިޔަށްދާ ޚާއްސަ ޕްރޮމޯޝަނެއްވެސް ތައާރަފުކޮށްފައެވެ.

އެސްޓީއޯ އިލެކްޓްރޯނިިކްސް ޝޯރޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، މި މަހުގެ ތެރޭގައި އެތަނުން ގަންނަ މުދަލުން 15 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އިރު، ކޮންމެ ހަފްތާއަކުވެސް ނެގޭ ލަކީޑްރޯތަކުން 20،000 ރުފިޔާގެ އަގުހުރި އިނާމު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

comment ކޮމެންޓް