ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަިކަން ހޯދައިދިނުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު ހިޔާ މަޝްރޫއުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގައި އަޅާ ޓަވަރުތައް އެޅުމަށް ޗައިނާ ކުންފުންޏަކާ 540 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފަ އެވެ.
މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު އެވެ. މަސައްކަތް ހަވާލުކުރި ޗައިނާގެ ހޮންގްކޮންގްގެ ކުންފުނި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ފަރާތުން ސޮއިކުރެއްވި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއި ޑޮންގް އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން 15 ބުރީގެ ދެ ޓަވަރުގެ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޒުހޫރު ވިދާޅުވީ އެ ދެ ޓަވަރުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 18 މަސް ދުވަހުން ކަމަށް ވިޔަސް އެއަށް ވުރެ ކުރިން ޓަވަރުގެ މަސައްކަތްތައް ނިންމާލެވެނޭ ކަމުގެ ޔަގީންކަން ޗައިނާ ކުންފުނިން ދީފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޒުހޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ސްޓެލްކޯ
ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން ފްލެޓްތައް ހެދުމަށް ކުރިމަތިލި އިރު އެކަން ނުވާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް، އެކަން މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށެވެ.
"މިފަދަ ބޮޑެތި އުއްމިދުތައް ހަގީގަތަކަށް ވަމުން އަންނަ އިރުވެސް އަޅުގަނޑުމެން ތެރޭ މިކަން ގަބޫލު ނުކުރާ އެއްބަޔަކު އެބަ އުޅޭކަން އެއީ ހަގީގަތެއް. ނަމަވެސް ހަގީގަތަކީ އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އޮތް މަންޒަރަކީ ދުވަހަކަށް ވުރެ ދުވަހެއް މިއުއްމީދުތައް އުޖާލާ ވަމުން ދާ މަންޒަރު،" ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯ އިން ހަދާ ޓަވަރުތަކުގެ 30 ޕަސެންޓް ފައިނޭންސް ކުރާނީ ރޮޓައިމް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ކަމަށާއި އަދި 15 ޕަސެންޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނި ސްޓެލްކޯގެ މުވައްޒިފުންގެ ފަރާތުން ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ބާކީ ބައި އެންޑް ޔޫސާ ފައިނޭންސްގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޖްކްޓްގެ ދަށުން 400 އެޕާޓްމަންޓް ހެދުމަށް ހަމޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 300 އެޕާޓްމަންޓް ސްޓެލްކޯގެ މުވައްޒިފުންނަށް ހަމަޖެހޭނެ ކަމަށެވެ.

ސްޓެލްކޯގެ ޓަވަރުތައް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ އެޕާޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނީގެ މުވައްޒަފުންނަށް އަންނަ ހަފުތާގައި ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.
ފްލެތްތަކުގެ ތެރެއިން ޒުވާން މުވައްޒަފުންނަށް އިސްކަންދީފައިވަނީ އެއް ކޮޓަރީގެ އެޕާޓްމަންތްތައް ކަމަށާއި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދިނުމުގައި ހާލަތުހުރި ގޮތަށާއި ސްޓެލްކޯގައި އުޅުނު މުއްދަތަށާއި އެހެނިހެން ކަންކަމަށް ބަލާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޯޓައިމްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ހުޅުމާލޭގައި ހަދާ އެހެން ޓަވަރުތަކަށް ވުރެ ކުރިން ސްޓެލްކޯގެ ޓަވަރުތައް ނިންމާލާނެ ކަމަށެވެ.