ވިލާ ޝިޕިންގް އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާގެ ތެރޭގައި ހިމެނޭ ގްރީން ޓެކްސް އެ ކުންފުނިން ދައުލަތަށް ދައްކައިފި އެވެ.
މީރާ އިން އިން މީގެ ކުރިން ބުނީ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ވިލާ އިން ދައްކަން ޖެހޭ ފައިސާ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ދައްކާފައި ނުވާ ކަމަށާއި އެ ފައިސާގެ އަދަދު ޖުމްލަ 5.1 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި މިރާ އިން ވަނީ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ވެސް ކޮށްފަ އެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ވަނީ ޑިސްޕިއުޓް ރިޒޮލިއުޝަން ގޮތުގައި ހައްލުކޮށްފަ އެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މައްސަލާގައި މީރާ އިން ހޯދުމަށް އެދުނު ބައި ވިލާ އިން ދައުލަތަށް ދައްކާފައިވާ ކަމަށާއި އަދި މީރާ އިން އެކަމަށް ބަޔާން ދީފައިވާތީ އެ މައްސަލަ ނިމިފައިވާ ކަމަށް ހުކުމްކުރާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހުކުމުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ވިލާއިން ދައްކައި ހަލާސްކޮށްފައި ވަނީ ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 1.2 މިލިއަން ޑޮލަރެވެ.
ވިލާ ޝިޕިން އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ގްރީން ޓެކްސްގެ ބައެއް ދެއްކި ނަމަވެސް، އެ ކުންފުނިން ދައްކަން ޖެހޭ ފައިސާގެ އިތުރު މައްސަލަތަކެއް މިހާރު ވެސް ސިވިލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
ޑިސްޕިއުޓް މައްސަލައެއްގެ ގޮތުގައި ކޯޓު މެދުވެރިކޮށް ވިލާ އާއި މީރާ އިން ވާހަކަ ދައްކައިގެން ވިލާ އިން ފައިސާ ދައްކާފައިވާ އިރު، ވިލާ ޝިޕިންގް ކުންފުނީގެ ޗެއާމަން އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކުރިން ވިދާޅުވެފައި ވަނީ ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.