ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިން އިފްތިތާހު ކޮށްފި

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ހެލްތު މިނިސްޓްރީ

ނާސިންއާ ގުޅޭ އެކިއެކި ކޯސްތައް ކުރިން ހިންގަމުން އައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ގައުމީ ޔުނިވާސިޓީގެ ދަށަސް ގެންގޮސް އެކުލަވާލި ސްކޫލް އޮފް ނާސިން އިފްތިތާހްކޮށްފި އެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސް ކުރިން ހިންގަމުން އައި، މާފަންނު ހަނދުވަރީހިނގުމުގައި ހުންނަ ބިލްޑިންގައި، މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޫލް އޮފް ނާސިން އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުއްﷲ ނާޒިމް އިބްރާހިމް އެވެ.

އެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ ފެކަލްޓީ އޮފް ސައިންސަސްގެ ބަދަލުގައި ސްކޫލް އޮފް ނާސިން އުފެއްދެވީ އެ ފެކަލްޓީ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ކަމަށާއި އަދި އަލަށް ގެނައި ބަދަލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެހެން ދާއިރާތަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ؛ ހެލްތު މިނިސްޓްރީ

ސްކޫލް އޮފް ނާސިންގައި ކިޔަވުން ވަނީ ފައްޓައިފަ އެވެ. ނަމަވެސް އަދި ސްޕެޝަލައިޒު ވެވެނީ މިޑްވައިފް އަދި ކްރިޓިކަލް ކެއާއިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ގައުމެއް ތަރައްގީ ވުމުގައި ޔުނިވާސިޓީން ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.

"ގައުމެއްގެ ހައިބަތު ބޭރުގެ ފަރާތަތަކުންނާ އަދި ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުން ދެނުގަތުމުގައި ގައުމެއްގެ ޔުނިވާސިޓީ ހައިބަތު އަޅާ ކިޔޭނެ. ގައުމެއްގައި އެ ގައުމެއްގެ އޮންނަ ނެޝެނަލް ޔުނިވާސިޓީއަކީ ހަގީގަތުގައި ވަރަށް މުހިންމު ބިނާއެއް. މިސްރޭ ބުނާއިރު އަޒްހަރު ޔުނިވާސިޓީގެ ނަން މީހުންގެ ދޫ މައްޗަށް އަރާ. އެކަން އެވަނީ ގައުމު ތަރައްގީ ކުރުމުގައި އެ ޔުނިވާސިޓީ އަދާ ކުރި ފުޅާދައުރުގެ ސަބަބުން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް މަސައްކަތްކުރާ ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން ކަމަށާއި އަދި ސިއްހީ ހިދުމަތްތައް ފުޅާވެގެންދާ އިރު ދިވެހި ނަރުހުން އިތުރަށް ބޭނުންވާ ކަމަށެވެ.

ސަރުކާރުން މިހާރު އަޅަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާއްކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގައި އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ހޮޓާތައް އަޅަމުން އަންނަ އިރު 100 މިލިއަން ޑޮލަރުގެ ހޮސްޕިޓަލެއް އެޅުމަކީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި އިދިކޮޅު ފަރާތަކުން އެކަމާމެދު ކަންބޮޑުވަނީ އެކަމާ މެދު ވިސްނަން ޖެހޭ ވަރަށް ނުވިސްނަައި ދިރާސާ ނުކުރަތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ 141 މިލިއަން ޑޮލަރަށެވެ.

comment ކޮމެންޓް