ސިޓީން މަހްރޭޒް ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ލެސްޓާ ސިޓީގެ ރިޔާދު މަހްރޭޒް --- ފޮޓޯ/ ގެޓީ

ލެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދު މަހްރޭޒް ހޯދުމުގެ މަސައްކަތް މެންޗެސްޓާ ސިޓީން ނިންމާލައިފިއެވެ.

ޓްރާންސްފާ ސީޒަން ހަލަބޮލުވެގެން ގޮސްފައިވާ އިރު، އިއްޔެ އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ މެންޗެސްޓާ ސިޓީން ލެސްޓާގެ މިޑްފީލްޑަރު މަހްރޭޒް ހޯދަން މަސައްކަތްކުރަމުންދިޔަ ވާހަކައެވެ. އަދި ލެސްޓާއިން ދިއުމަށް އެ ކްލަބުގެ ބޯޑަށް މަހްރޭޒް އެދުނުކަމަށް ވެސް ހަބަރުތައް ވަނީ ފެތުރިފައެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގެ ފަހު ދުވަހާ ހަމައަށްވެސް މަހްރޭޒް ލެސްޓާ ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން ދިޔައެވެ.

ބީބީސީން ބުނެފައިވަނީ ސިޓީން މަހްރޭޒް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެ މަސައްކަތް ހުއްޓާލީ ލެސްޓާއިން ހުށަހެޅި އަގާ މެދު ހިތްހަމަ ނުޖެހުމުން ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން މަހްރޭޒްގެ އަގެއްގެ ގޮތުގައި ލެސްޓާއިން ބޭނުންވީ 95 މިލިއަން ޕައުންޑެވެ. މި އަގާއެކު މި ޓްރާންސްފާ ސީޒަންގައިވެސް މަހަރޭޒް ލެސްޓާ ދޫކޮށްދާނެ ކަމަށް ނުބެލެއެވެ.

މަހްރޭޒްއަކީ 2016 ވަނަ އަހަރު ލެސްޓާއިން އިނގިރޭސި ލީގު އުފުލާލި ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ. 2014 ވަނަ އަހަރު އެޓީމާ ގުޅުނު ފަހުން އޭނާ ވަނީ ކުޅުނު 146 މެޗުން 38 ގޯލް ޖަހައިދީފައެވެ. މީގެ އިތުރުން މަހްރޭޒްއަކީ އަލްޖީރިއާގެ ގައުމީ ޓީމަށްވެސް މުހިންމު ކުޅުންތެރިއެކެވެ.

ސިޓީ ފާހަގަކުރެވެނީ ބޮޑެތި އަގުތަކެއްގައި ކުޅުންތެރިން ގެންދާ ޓީމެއްގެ ގޮތުގައެވެ. އެގޮތުން މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާގައި ވެސް ސިޓީން ވަނީ 57 މިލިއަން ޕައުންޑަށް ފްރާންސްގެ އައިމެރިކް ލަޕޯޓޭ އެޓީމަށް ގެނެސްފައެވެ.

comment ކޮމެންޓް