ތައިލޭންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާ އެކު --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ތައިލޭންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ޝާއިރު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ، "ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އުފެއްދި އެެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ތައިލޭންޑުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމްކުރެއްވީ ބޭރު ދުނިޔެއަށް ރާއްޖެ ތައާރަފްކޮށް، ތައިލޭންޑާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާ ކުރުމަށެވެ.

އަދި ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރާއްޖެއާއި ތައިލެންޑާ ދެމެދު އެކުވެރިކަން ބަދަހިކުރުމަކީ ވެސް އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ގާއިިމްކުރެއްވި ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއި ވިޔަފާރިވެރިން ގޮސް އުޅޭ ތައިލޭންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމެވި އިރު، ރާއްޖޭގެ ފަރާތުން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ.

އޭނާ ތައިލޭންޑުގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް ސަފީރުގެ ކަމުގެ ފަތްކޮޅެއް އަދި އަރުވާފައެއް ނުވެ އެވެ.

comment ކޮމެންޓް