ފަލަސްތީނުގެ ރެފިއުޖީންނަށް އެމެރިކާ އުނިކުރި 300 މިލިޔަން ޑޮލަރު އެހެން ގައުމުތަކުން ދެނީ

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ" (ޔުނަރްވާ) ގެ

އދ. މަޖިލިސް - (ޖަނަވަރީ 31): ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް ޚާއްސަކޮށްގެން އދ.ން އުފައްދާފައިވާ ޖަމިއްޔާ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ" (ޔުނަރްވާ) އަށް އެމެރިކާ ދޭ އެހީގެ ބޮޑުބައެއް އުނިކުރުމުން ލިބޭ ގެއްލުންތައް ފޫބެއްދުމަށްޓަކައި އެގާރަ ގައުމަކުން ފައިސާގެ އިތުރު އެހީ ދޭނެކަން ހާމަކޮށްފިއެވެ.

ޔުނަރްވާގެ ކޮމިޝަނަރ ޖެނެރަލް ޕިޔޭރް ކްރިންބޯލް ވިދާޅުވީ އެމެރިކާއިން ދޭ 360 މިލިޔަން ޑޮލަރުގެ ތެރޭން 300 މިލިޔަން ޑޮލަރު އުނިކުރުމުން އެޖަމްއިއްޔާއަށް ވަނީ 300 މިލިޔަން ޑޮލަރު މަދުވުމުގެ މައްސަލައަކާ ކުރިމަތިލާންޖެހިފައެވެ.

މި 300 މިލިޔަން ޑޮލަރުގެ އުނިކަން ފޫބެއްދުމަށް ބޭނުންވާ ފައިސާ ދިނުމަށް އެގާރަ ގައުމަކުން ޔަގީންކަން ދީފައިވާ ކަމަށް ކްރިންބޯލް ވިދާޅުވިއެވެ. މި އެގާރަ ގައުމުގެ ތެރޭގައި ސްވިސްޓްޒަލޭންޑް، ބެލްޖިޔަމް، ޑެންމާކް، ނޯވޭ، ކުވައިތު، އަޔަލޭންޑް، ހޮލޭންޑް، ޖަރުމަނު، ސްވިޑްން އަދި ފިންލެންޑް ހިމެނެއެވެ. މި 11 ގައުމުން އިތުރަށް ދޭން ހަމަޖެއްސި ފައިސާއިން 300 މިލިޔަން ޑޮލަރު ހަމަކުރެވޭނެކަން ނުވަތަނޫންކަން ކްރިންބޯލް ވިދާޅެއް ނުވެއެވެ.

ޔުނަރްވާގެ ބަޖެޓަކީ އެއްބިލިޔަން ޑޮލަރަށްވުރެވެސް މަތީ ބަޖެޓެކެވެ. ފަލަސްތީނުގެ ބިމަށް އިސްރާއީލު ގަދަބާރުން ވެރިވެގަތުމާ ގުޅިގެން ހިނގައިދިޔަ ހަނގުރާމަތަކުގައި ފަލަސްތީނުގެ ހައެއް ޕޮއިންޓް ފަހެއް މިލިޔަން މީހުން ރެފިއުޖީންނަށް ވެފައިވެއެވެ.

މީގެތެރެއިން ގިނަ ރެފިއުޖީން ދިރިއުޅެނީ ފަލަސްތީނާ އިންވެގެންވާ އަރަބި ގައުމުތައް ކަމަށްވާ ލުބްނާން، ސޫރިޔާ އަދި އުރުދުންގައެވެ. މީގެއިތުރުން ފަލަސްތީނުގެ ބިންތައް ކަމަށްވާ ހުޅަނގު އައްސޭރިއާއި ޣާއްޒާގައިވެސް އެތަށް މިލިޔަން ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެއެވެ. މި ހުރިހާ ރެފިއުޖީންނަށް ބޭނުންވާ ބޭސްފަރުވާއާއި ތައްލީމުގެ އިތުރުން ކާބޯތަކެތީގެ ތެރޭގައި ހިމެނޭ އަސާސީ ތަކެއްޗާއި ބޯހިޔާވަހިކަންވެސް ފޯރުކޮށްދެނީ ޔުނަރުވާ އެޖެންސީންނެވެ.

އެމެރިކާއިން ޔުނަރްވާއަށް ދޭ 360 މިލިޔަން ޑޮލަރުގެ ތެރޭން 300 މިލިޔަން ޑޮލަރު ކަނޑާލީ ފަލަސްތީނުގެ ހައްގުތަކާއި ބިންތައް އިސްރާއީލަށް ލިބޭގޮތަށް އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދަން ރާވާފައިވާ މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ފަލަސްތީން ގަބޫލުނުވުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ.

މި 300 މިލިޔަން ޑޮލަރު ކަނޑާލުމުން ފަލަސްތީނުގެ ބިންތަކާއި ރެފިއުޖީންގެ ހައްގުތައް ދޫކޮށްލުމަށްފަހު އެމެރިކާ ފަށާ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ފަލަސްތީނަށް މަޖްބޫރުވާނެ ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. ނަމަވެސް ފަލަސްތީނުންވަނީ ފަލަސްތީނުގެ ރެފިއުޖީން ބަނޑަށް ޖައްސައި ފަލަސްތީނަށް ބިރުދައްކައިގެން ޓްރަމްޕް ކުރައްވަން އުޅުއްވާ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް ގޮންޖަހާފައެވެ.

ޓްރަމްޕް ފަލަސްތީނު ރައްޔިތުންދެކެ ކޯފާވީ އިސްރާއީލުން ގަދަބާރުން ހިފާފައިވާ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ގަބޫލުކުރުމަށް ޓްރަމްޕް ނެރުއްވި ޣައިރު ގާނޫނީ އަމުރާ ގުޅިގެން އެމެރިކާއަކީ ސުލްހައިގެ ކަންތައްތަކަށް ލީޑް ކުރުމަށް އަހުލުވެރި ގައުމެއް ނޫންކަމަށް ފަލަސްތީނުން ނިންމުމުންނެވެ.

ޓްރަމްޕްގެ އެނިންމުމާއެކު ފަލަސްތީނުންވަނީ އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނު ބައިވެރި ނުވާނެކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް