ގައުމީ ޔުނިވާސިޓީގެ ތިން ފެކަލްޓީއަކަށް އާ ޑީނުން ހަމަޖައްސައިފި

ގައުމީ ޔުނިވާސިޓީގެ ތިން ފެކަލްޓީއެއްގެ ޑީންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ގައުމީ ޔުނިވާސިޓީގެ ތިން ފެކަލްޓީއެއްގެ ޑީންގެ މަގާމަށް ތިން ބޭފުޅަކު އައްޔަނުކޮށްފިއެވެ.

މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، ޑީނުންގެ ގޮތުގައި އައްޔަނު ކުރެވިގެން ދިޔަ ތިން ބޭފުޅުންނަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ޑީންކަމަށް އައްޔަނު ކުރީ ޝައިޚް އަލީ ޒާހިރެވެ. ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލަޖީގެ ޑީން ކަމަށް ޑރ. ޝަޒްލާ މުހައްމަދު އައްޔަނު ކުރި އިރު، ސްކޫލް އޮފް ނާސިންގްގެ ޑީންގެ މަގާމަށް އައްޔަނުކުރީ އާސިޔާ އިބްރާހީމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ މި އަހަރު ރާއްޖޭގެ އެންމެ ވަރުގަދަ ލޯ ޕްރޮގްރާމަށް ގައުމީ ޔުނިވާސިޓިގެ ޕްރޮގްރާމް ވެގެންދާނެ ކަމަށެވެ.

"މިއަހަރުގެ ފުރަތަމަ ސެމެސްޓާގެ ތެރޭގައި ލޯ ޕްރޮގްރާމް، ލޯ ޑިޕާޓްމަންޓް ހިނގަމުންދާ ގޮތާ ، އެސެސްމަންޓްތައް ހެދުމާ، ހަމަ އެއާއެކު އަޅުގަނޑުމެންނާއެކު މަސައްކަތްކުރައްވާނެ ބޭރުގެ ބޭފުޅުން ގެނައުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ. ހަމަ އެއާއެކު ލޯ ޕްރޮގްރާމް ވެގެންދާނީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ ލޯ ޕްރޮގްރާމަށް،" ޑރ. ފަވާޒު ވިދާޅުވިއެވެ.

އަދި ކުރިމަގުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ލޯ ޕްރޮގްރާމް ހިންގުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެމަސައްކަތް އަލީ ޒާހިރުގެ ޑީންކަމުގައި ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޑރ. ފަވާޒު ވިދާޅުވިއެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާ ވަކިވެ، ސްކޫލް އޮފް ނާސިން ގައުމީ ޔުނިވާސިޓީގެ ފެކްލްޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައިރު، މިއަހަރު ތައާރަފުކުރެވޭ އެމްބީބީއެސް ޕްރޮގްރާމުގެ ސަބަބުން އެ ފެެކަލްޓީ އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ޑރ. ފަވާޒު ވިދާޅުވިއެވެ.

ފަވާޒު ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި މިހާރު އިންޖިނިއަރިންގެ ފެކްލްޓީ ކިތަންމެ ކުޑަ ނަމަވެސް ޝަޒްލާގެ ޑީންކަމުގައި އެ ފެކަލްޓީ ފުޅާކޮށް އެ ފެކަލްޓީއިން ކުރިއަށް ގެންދާ ކޯސްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފަވާޒު ވަނީ، ފެކަލްޓީ އޮފް ހިއުމެނިޓީސް އިތުރަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ރާއްޖޭގައި އޯ ލެވެލް ފެންވަރުގައިވެސް ހިއުމެނިޓީސް ކިޔަވައިދެނީ އެންމެ ދެ ސްކޫލުގައި ކަމަށާއި، މި ދާއިރާއަށް ކުދިން ޝައުގުވެރިކަން އިތުރުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަވާޒު ވިދާޅުވިއެވެ.

comment ކޮމެންޓް